އެމްޑީޕީގެ ސަރުކާރުން އިންޑިއާގެ ޖީއެމްއާރަށް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް ވިއްކާލި ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަކުރާރުކޮށް އިތުރުފުޅު ހައްދަވައިފި އެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކެމްޕެއިން ހަރަކާތްތައް ހިންގަމުންދާ މިދަނޑިވަޅުގައި ތ. އަތޮޅަށް ވަޑައިގެން ހޯމަ ދުވަހު ތ. ތިމަރަފުށި ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އެއާރޕޯޓް ވިއްކާލީ ކަމަށެވެ. އަދި އަންގާރަ ދުވަހު ހަމަ އެއަތޮޅު ބުރުނީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ހަމަ އެމޭރުމުން ރައީސް ޔާމީން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އަދި މީގެ ކުރިން ވެސް ބައެއް ޖަލްސާތަކުގައި ރައީސް ޔާމީން އެގޮތަށް ވިދާޅުވެފައި ވެއެވެ.
ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް ވިއްކާލާފައިނުވާކަން ދައުލަތުގެ އެންމެހާ ލިޔެކިޔުންތަކުން އެނގެ އެވެ. އަދި ޖީއެމްއާރުން އެއާރޕޯޓް ތަރައްގީކޮށް، ހިންގުން 25 އަހަރަށް ކުއްޔަށް ދިންކަން އެނގޭ އެއް ހެއްކަކީ އެ އެއްބަސްވުން ދިވެހި ސަރުކާރުން އުވާލުމާއި ގުޅިގެން ޖީއެމްއާރުން އެއާރޕޯޓް ތަރައްގީ ކުރުމަށް ހިންގި މަޝްރޫއުގެ ޚަރަދު ދިނުމަށް އާބިޓަރޭޝަން ކޯޓުން ކުރި ހުކުމެވެ. އެހުކުމާއި ގުޅިގެން ދިވެހި ދައުލަތުން ވަނީ ޖީއެމްއާރަށް 300 މިލިއަން ޑޮލަރު ދައްކާފަ އެވެ.
ޖީއެމްއާރު އެއާރޕޯޓް މަޝްރޫއަކީ ރައީސް ނަޝީދުގެ ވެރިކަމަށް ދެ އަހަރު ނުވަނީސް އެއްބަސްވި އެއްބަސްވުމެކެވެ. އަދި އެއީ އެހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް މަޝްރޫއު އެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ބަދަލުކޮށް ވެރިކަމަށް އަރާވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ވަނީ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުން އުވާލާފަ އެވެ.
އެ އެއްބަސްވުން އުވާލުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އެވެ.
އެ އެއްބަސްވުން އުވާލުމުގައި ގާނޫނީ ލަފާ ދެއްވަމުންގެންދެވި ރައީސް އޮފީހުގެ ލީގަލް އެފެއާރޒު މިނިސްޓަރު އާއިޝަތު އާޒިމާ ޝުކޫރު ވިދާޅުވެފައިވަނީ އެއީ އުފެދުމުގައި ވެސް ބާތިލް އެއްބަސް ވުމެއް ކަމަށާއި އެ އެއްބަސްވުން ބާތިލް ކުރިނަމަވެސް ދިވެހި ދައުލަތުން އެއްވެސް ފައިސާއެއް ޖީއެމްއާރަށް ދައްކަން ނުޖެހޭނެ ކަމަށެވެ. އޭރު އާޒިމާ ހުންނެވީ ރައީސް ވަހީދުގެ ސަރުކާރުގެ ބަންޑާރަ ނައިބުގެ މަގާމުގައެވެ.
ރައީސް ޔާމީން މިހާރު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލު ކުރައްވާ ވިދާޅުވެފައިވަނީ ޖީއެމްއާރަށް ދައްކަން ޖެހުނު 300 މިލިއަން ދައްކަން ނުޖެހުނުނަމަ އެފައިސާ ރައްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ހަރަދު ކުރެވުނީސް ކަމަށެވެ.
ރައީސް ޔާމީން އެގޮތަށް ވިދާޅުވި އިރު، ޖީއެމްއާރުން އެއާރޕޯޓް ތަރައްގީ ކުރުމަށް ނިންމާފައިވަނީ ދިވެހި ރައްޔިތުން ޒިންމާވާންޖެހޭ ލޯނެއް ނަގައިގެން ނޫނެވެ. ޖީއެމްއާރުން އެއާރޕޯޓް މަޝްރޫއަށް 800 މިލިއަން ޑޮލަރު ޚަރަދު ކުރުމަށް ނިންމާފައިވާއިރު އެމަޝްރޫއު ނިންމުމަށް ހަމަޖެހިފައި އޮތީ 2014 ވަނަ އަހަރަށެވެ.
ރައީސް ޔާމީންގެ ސަރުކާރުން އެއާރޕޯޓް ތަރައްގީ ކުރަނީ އެއް ބިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ނެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ބޮޑެތި ކޮރަޕްޝަނުގެ އަމަލުތައް ފެންމަތި ވަމުންދާއިރު، ހަމައެކަނި އެމްއެމްޕީއާރުސީގެ ތެރެއިން 80 މިލިއަން ޑޮލަރުގެ ހިޔާނާތުގެ މައްސަލައެއް ވަނީ ފެންމަތި ވެފަ އެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތަށް 145 މިލިއަން ޑޮލަރު ޚަރަދު ކުރުމަށް ނިންމާފައިވާއިރު، އެ މަޝްރޫއުގައިވެސް ބޮޑެތި ކޮރަޕްޝަން އަމަލުތަކެއްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުން ނެވެ. މީގެއިތުރުން ސަރުކާރުގެ ކުންފުނިތަކަށް ޑޮލަރު ހޯދަން ކަމަށްބުނެ ބޮޑެތި އަދަދުތަކުން ބައެއް ފަރާތްތަކަށް ފައިސާ ދިފާއިވާ މައްސަލަތަކެއްވެސް ވަނީ ފެންމަތި ވެފަ އެވެ.