ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހދ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅު، ވިއްސާރާ ނަމަވެސް މެދުކަނޑާނުލައްވައި ކުރިއަށް އެބަ ގެންދަވައެވެ.
ހދ އަތޮޅަށް އިބޫ ކުރައްވަމުން ގެންދާވާ ތިން ދުވަހުގެ ކެމްޕެއިން ދަތުރުފުޅުގައި އަންގާރަ ދުވަހު އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ ނޮޅިވަރަމެށެވެ. ހދ. އަތޮޅުގެ މި ދަތުރުފުޅުގައި ޖުމްލަ 13 ރަށަކަށް އިބޫ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ނޮޅިވަރަމަކީ އެމަނިކުފާނު ވަޑައިގަންނަވާ މި އަތޮޅުގެ 11 ވަނަ ރަށްކަން ފާހަގަކޮށްލެވެ.
ކަނޑުގަދަ ނަމަވެސް ކުޅުދުއްފުށިން ކަނޑު ހުރަސްކުރައްވައި އެމަނިކުފާނު ނޮޅިވަރަމަށް އަންގާރަ ދުވަހު ވަޑައިގެންނެވުމުން މިރަށުގައި ގިނަ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދުން މަރުޙަބާ ދަންނަވާފައެވެ. ވިއްސާރައިގެ ތެރޭގައި ވެސް ރަށުގެ ދެ ޖިންސުގެ ރައްޔިތުން ނުކުމެ ތިބީ ވާރޭ ވެހޭތީ ކުޑަ ހިފައިގެނެވެ.

އިބޫ ރައްޔިތުންނާ ސަލާމްކުރެއްވުމަށް ފަހު، ހިންގަވާފައި ވަޑައިގެންނެވީ އެރަށު އެމްޑީޕީގެ ހަރުގެއަށެވެ. އެމަނިކުފާނު އެމްޑީޕީގެ ހަރުގެ ހުޅުއްވައިދެއްވުމަށް ފަހު އެ ރަށު އެމްޑީޕީގެ ބޮޑު ދިދަ ވަނީ ނަންގަވާދެއްވާފައެވެ.
ނޮޅިވަރަމް ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އިބު ވިދާޅުވީ އެ ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ ރައްޔިތުން އެ ދޭ ގޮތަށް ނޫން ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އެހެންކަމުން ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި ނޮޅިވަރަމްގެ ބަނދަރުގެ މަސައްކަތް ނިންމާނީ ކައުންސިލްގެ މަޝްވަރާއާ އެކީ ރައްޔިތުން އެދޭ ގޮތަށް ކަމަށް އިބޫ ވިދާޅުވިއެވެ.
ކަރަންޓްގެ މައްސަލަ ހައްލު ކޮށްދޭނެ ކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި ނޮޅިވަރަމްގެ މަގުތަށް ރަނގަޅު ފެންވަރުގައި ހަދައިދޭނެ ކަމަށެވެ.
މި ދަތުރުފުޅުގައި ދެން އެމަނިކުފާނު ވަޑައިގަންވަނީ ފިނޭ އާއި ހަނިމާދޫއަށެވެ.