މޫސުން ގޯސްވެ، ހުވަދު އަތޮޅުން ފެށިގެން އުތުރުގެ ހުރިހާ ސަރަހައްދަކަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމަށް ސަމާލުވުމަށް އަންގައި މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލަރޓް ނެރެފައި ވަނީ އެސަރަހައްދުތަކުގެ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީއެވެ. ރެއިން ފެށިގެން މާލޭ ސަރަހައްދަށް ވެސް ބޯކޮށް ވާރޭ ވެހެމުންދާއިރު، ހުވަދު އަތޮޅުން އުތުރުގެ ހިސާބުތަކަށް ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެދާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ވައިޓް އެލަރޓް ނެރެފައި ވަނީ މެންދުރު ކުރި 11:30 އިން ފެށިގެން ހަވީރު 5:30 އަށެވެ.
މެޓް އޮފީހުން ބުނީ މިއަދު އާއްމުކޮށް ވައިޖެހޭނީ ދެކުނު އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން އަދި އެހެން ހިސާބުތަކުގައި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މެލާ 23 މޭލު ދެމެދުގެ ބާރުމިނުގައި ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރުކުރުން އެކަށިގެންވާކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ. މޫސުން ގޯސްވާނެތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.