މަތީ ތައުލީމުގެ ލޯނުގެ 600ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އަލަށް ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަށް ހާއްސަކޮށްގެން 500 ލޯނުގެ ފުރުސަތު ހުޅުވާލާފައި ވަނީ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 05 އިން ފެށިގެން 10 ވަނަ ލެވެލް ކޯސްތަކަށް ކަމަށެވެ. ލޯނުއެހީއަށް ދަރިވަރުން ހޮވުމުގައި އޯގަސްޓް 13 އިން ފެށިގެން ފޯމު ލިބެން ހުންނާނެ ކަމަށެވެ.
ލޯނަށް އެދި ހުށަހަޅާ ތަޢުލީމީ ސެޓްފިކެޓްތަކަކީ ވެލިޑޭޓް ކޮށްފައިވާ އަދި އަސްލާއި އެއްގޮތް ކަމަށް ތައްގަނޑުޖަހާފައިވާ ސެޓްފިކެޓްތަކަކަށް ވާންޖެހޭނެ ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.
މީގެ އިތުރުން މިހާރު ކިޔެވުން ފަށާފައިވާ ކުދިންނަށް ވެސް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން 100 ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ފުރުސަތުގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 7 އިން ފެށިގެން ފެންވަރު 10 ގެ ކޯސްތައް ހައްދަވަމުންދާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިދެ ފުރުސަތު ވެސް ހުޅުވާލާފައި ވަނީ ސެޕްޓެމްބަރު 06 ވަނަ ދުވަހުގެ ނިޔަލަށެވެ.
ލޯނު އެހީގެ ފުރުސަތު ދިނުމުގައި އިސްކަންދޭ ތަރުތީބު މި ލޯނު ސްކީމްގެ އުސޫލުގައި ކަނޑައަޅާފައިވާ ކޯސްތަކުގެ ތަރުތީބުންނެވެ.
ވަކި އޮފީހަކަށް ކަނޑައެޅިފައިވާ ފުރުޞަތުތަކަށް އެ އޮފީހުގެ މުއައްޒަފުން އެދެފި ނަމަ އެމުއައްޒަފުން ހޮވުމަށް އިސްކަންދެވޭނެ ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެއެެވެ.
ހަޔާ އެޑިއުކޭޝަނުން ހުޅުވައިލި ފުރުސަތުތަކުގެ ތެރޭގައި ރާއްޖޭގައި މި އަހަރު އަލަށް ކިޔަވައިދެން ފެށި މެޑިސިންގެ 50 ޖާގަ ވެސް ހިމެނެއެވެ. މީގެ ކުރިން ވެސް ވަނީ ރާއްޖޭގައި މެޑިސިން ކިޔެވުމަށް 50 ޖާގަ ހުޅުވާލާފައެވެ. ނަމަވެސް އެ ފަހަރު ކޯސް ލިބުނު ދަރިވަރުންނަށް ވެސް މިހާތަނަށް ކިޔަވައިދޭން ފަށާފައެއް ނުވެއެވެ.