ގުޅިފައިވާ ޕާޓީތަކުގެ ރަނިންގ މޭޓް ފައިސަލް ނަސީމް ޅ. ހިންނަވަރަށް ވަޑައިގެންނެވި އިރު މަރުހަބާ ކިޔުމަށް ނިކުތް އެރަށު ފެނަކައި ބްރާންޗްގެ މުވައްޒަފަކު ތ. އަތޮޅު ބުރުންޏަށް ބަދަލުކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހު ފައިސަލް ހިންނަވަރަށް ވަޑައިގެންނެވުމުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ނިކުމެ ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ފެބްރުއަރީ 22، 2011 އިން ފެށިގެން އެރަށު ފެނަކަ ބްރާންޗްގައި ވަޒީފާ އަދާކުރަމުން އަންނަ އިބްރާހީމް ޔޫސުފް ތ. އަތޮޅު ބުރުނީ ބްރާންޗަށް ބަދަލުކޮށްފައި ވަނީ ފައިސަލް ހިންނަވަރަށް ވަޑައިގެންނެވިތާ ތިން ދުވަސް ފަހުން ހޯމަ ދުވަހުއެވެ.
ހިންނަވަރު ބްރާންޗްގައި ލޭބަރެއްގެ ވަޒީފާ އަދާކުރާ އިބްރާހީމް ޔޫސުފް، ތ. އަތޮޅު ބްރާންޗަށް ވެސް ބަދަލުކޮށްފައި ވަނީ ހަމަ އެމަޤާމަށެވެ.
މިވަގުތު ފެނަކަ ހިންނަވަރު ބްރާންޗް ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަމްއާން ސޮއިކުރައްވާފައިވާ ޗިޓްގައި، އިބްރާހީމް ޔޫސުފް ބުރުނީ ބްރާންޗަށް ބަދަލު ކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޅ. އަތޮޅު ފެލިވަރުގައި މަސައްކަތްކުރާ ހިންނަވަރު ބަޔަކު ވަނީ ގއ ކޫއްޑޫ އަށް ވެސް ބަދަލު ކޮށްފައެވެ. އެ މީހުން ވެސް ބަދަލުކުރި ވަކި ސަބަބެއް އަންގާފައެއް ނުވެއެވެ.
ގުޅިފައިވާ ޕާޓީތަކަށް ތާއީދު ކުރާ ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންނަށް ބޮޑެތި މަޖްބޫރީތަކެއް ކުރިމަތިކޮށް ބިރު ދައްކަމުންދާކަމުގެ ޝަކުވާ މި ދުވަސްވަރު ވަނީ ބޮޑުވެފައެވެ. އަދި އެފަދަ ބައެއް ފަރާތްތައް ވަޒީފައިން ވެސް ދަނީ ވަކިކުރަމުންނެވެ. އެ ގޮތުން ދާދި ފަހުން އެއްވެސް އިންޒާރެއް ދިނުމެއް ނެތި، ޅ. ކުރެންދޫގައި ހުންނަން އަތޮޅު މަދަރުސާގެ ޓީޗަރަކު ވެސް ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ.