ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ހދ. ކުޅުފުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ދޭނެ ކަމަށާއި އިގްތިސާދީ ވަސީލަތްތަކާއެކު އާބަން ސެންޓަރަކަށް އެ ރަށް ހައްދަވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ހދ.ގެ 13 ރަށަކަށް އިބޫ ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ ވެރިކަން ކުރާ ރަށް ކުޅުފުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި އާބަން ސެންޓަރުތަކެއް ގާއިމު ކުރައްވާނެ ކަމަށެވެ. އެގޮތުން އުތުރުގައި ގާއިމު ކުރާ އާބަން ސެންޓަރަކަށް ވެގެންދާނީ ކުޅުދުއްފުށީ ކަމަށް އިބޫ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އާބަން ސެންޓަރެއްގެ ގޮތުގައި ކުޅުފުއްފުށީ ހަމަޖެއްސެވުމަށްފަހު، ކުޅުފުއްފުށީ އިންޓަނޭޝަނަލް ބަނދަރަށް ގެންނަ މުދަލުން ނަގާ ޓެކްސާއި ޑިއުޓީއަށް ހެޔޮ ބަދަލެއް ގެންނާނެ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ސިޓީއެއްގެ ދަރަޖަ ކުޅުފުއްފުއްޓަށް ވަރަށް އަވަހަށް ދޭނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އިގްތިސާދުގައި ރާއްޖޭގެ އުތުރުާއި ދެކުނާއި މެދުތެރޭގައި އާބަން ސެންޓަރުތަކެއް ގާއިމު ކުރުމަށް ވަނީ ކަނޑައަޅާފަ. އެގޮތުން މާލެއިން އުތުރުގައި ކަނޑައެޅޭ އެއް އާބަން ސެންޓަރަކަށް މިތަން ވެގެންދާނެ ކަމުގައި ތިބޭފުޅުންނަށް އަޅުގަނޑު ޔަގީންކަން އަރުވަން،" އިބޫ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި މިހާރު ކުރިއަށްދާ އެއްވެސް މަޝްރޫއެއް ހުއްޓާ ނުލާނެ ކަމަށާއި ނަމަވެސް އުސޫލުން ބޭރުން ވެފައިވާ އެގްރިމެންޓުތައް ބަލައި ބަދަލު ގެންނާނެ ކަމަށެވެ.
ކުޅުފުއްފުށީގައި އަޅަން ފަށާފައިވާ އެއާޕޯޓުގެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެ އިބޫ ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް އެއާޕޯޓުގެ މަސައްކަތް ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ނިންމާނެ ކަމަށެވެ.
"އެގްރިމެންޓުތައް ގާނޫނާ ހިލާފަށް ގަވާއިދާ ހިލާފަށް، އުސޫލުން ބޭރުންކޮށްފައި ހުރި ކަމަށް ވަންޏާ، އެ ބަލައި އެއަށް ގެންނަންޖެހޭ ބަދަލުތައް އަޅުގަނޑުމެން ގެންނާނެ ވާހަކަ ދަންނަވާލަން،" އިބޫ ވިދާޅުވިއެވެ.
ބާރަހާހަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކުޅުފުއްފުއްޓަށް އިބޫ ވަނީ ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ރައްޔިތުންގެ ހިޔާލާ އެކު ކުޅުފުއްފުށީގައި އިތުރު މަގުތައް ތަރައްގީ ކުރާނެ ކަމަށާއި ބޯހިޔާވަހިކަން އެންމެންނަށް ހޯދަވައި ދެއްވާނެ ކަމަށާއި ވިޔަފާރި ބަނދަރެއް ވެސް ހައްދަވައި ދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި ކުޅުފުއްފުށީ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.