ވައްކަމަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނާ ފަދައިން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ވެސް ރައްޔިތުން ބުނާނީ ނޫނެކޭ ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި ކެމްޕެއިން ޓީމުން ހދ. އަތޮޅަށް ކުރައްވާ ދަތުރުގައި ހދ. ކުޅުދުއްފުށީގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ ގުޅިފައިވާ ކޯލިޝަން ސަރުކާރުން އަނިޔާވެރި ނުވާނެ ކަމަށާއި މީހުންގެ ހައްގުތަކަށް އަރައި ނުގަންނާނެ ކަމަށެވެ.
"އަޅުގަނޑުމެން އަނިޔާވެރިއެއް ނުވާނަން، މީހުންގެ ހައްގުތަކަށް އަރައި ނުގަންނާނަން. އަޅުގަނޑުމެން ވެރިކަންކުރާނީ އިސްލާމީ ރިވެތި އުސޫލުން،" ޣަފޫރު ވިދާޅުވި އެވެ.
މީގެއިތުރުން ޣަފޫރު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކޯލިޝަން ސަރުކާރުން ހިންގާއިރު، ކުޅުދުއްފުއްޓަކީ އެންމެ އިސްކަން ދޭނެ އެއް ރަށް ކަމަށެވެ.