ރާއްޖޭގެ ވެރިކަން ހަވާލު ކުރުމުން ރައީސް އަބްދުﷲ ޔާމީން ވަނީ އެ އަމާނާތާ ހިޔާނާތްތެރިވެފައި ކަމަށް ކުރީގެ ޔޫތް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެ އެވެ.
ދ. މީދޫގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި މަލީހް ވިދާޅުވީ ރައީސް އަބްދުﷲ ޔާމިން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ދެއްކެވި ވާހަކަތަކާ ވެސް ހިލާފުވެވަޑައިގެންނެވި ކަމަށެވެ. އެގޮތުން އެމަނިކުފާނު މުސާރައިގެ ދެބައިކުޅަ އެއްބައި ނަންގަވާނެ ކަމަށް ވިދާޅުވި ނަމަވެސް ފަހުން ނަންގަވަނީ މުސާރަ އެއްކޮން މަލީހް ފާހަގަ ކުރެއްވި އެވެ. އަދި އެހެންމެ ވެރިކަމަށް ފަހު ވެސް އުޅުއްވާނީ އަމިއްލަ ގެކޮޅުގައި ކަމަށް ވިދާޅުވި ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އުޅުއްވިގެކޮޅު ވެސް މިހާރު ނެތް ކަމަށްވެސް މަލީހް ވިދާޅުވި އެވެ.
އޭގެއިތުރުން މަލީހު ވިދާޅުވީ ރާއްޖޭގައި ހުރި މައްސަލަތަކަށް ވެސް ހައްލެއް ނުގެނެވުނު ކަމަށެވެ. އަދި މަލީހް ވަނީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ، އޮންނަ ރީތި އުސޫލަކީ ރައީސަކު އިތުރު ދައުރަކަށް ކުރިމަތިލާއިރު އެ ހުންނަވާ ނައިބު ރައީސަކާއެކު ކުރިމަތިލުން ކަމަށެވެ. ނަމަވެސް މިހާރު ނައިބު ރައީސަކަށް ހުންނެވި އަބްދުﷲ ޖިހާދު ދޫކޮށްލައްވާފައި ރަނިންމޭޓްކަން ދިނުމުން ޝަހީމްގެ ދުރޫސުލް އަހްލާގުގެ މިންވަރެއް ހުރި ނަމަ އެކަން ގަބޫލެއް ނުކުރެއްވީސްކަމަށް މަލީހް ވިދާޅުވި އެވެ.