މި ސަރުކާރުގެ ވެރިކަމުގައި 30 މަރުގެ ހާދިސާ ހިނގުމަށް މެދުވެރިވީ މީގެ ކުރީ ސަރުކާރުތަކުގައި ހިންގި ޖަރީމާތަކާއި ގޯނާތަކުގެ ސަބަބުން ކަމަށާއި މިފަދަ ބޮޑެތި ކުށްތައް މިހާރު އަލްވަދާއު ކިޔާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ތިމަރަފުށީގެ ފެނުގެ ހިދުމަތް ދިނުމުގެ ރަސްމިއްތާރުގައި ވާހަކަ ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މީހުންނަށް އުންދަގޫ ކުރުމާއި ދުއްތުރާ ކުރުމުގެ އަމަލުތައް އިންތިހާއަށް އިތުރުވެގެންދިޔަ ކަމަށެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވެސް ރައީސް ނަޝީދުގެ ސަރުކާރުން ބޮޑެތި އުނދަގޫތަކާ ކުރިމަތިވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ކޮންމެ ދެރެއިން އެއް ރޭ އަލިވާ ގެއަށް ގޮސް ރައީސް މައުމޫނަށް ގޯނާ ކުރާނެ. ދެރެއިން އެއް ރޭ އަޅުގަނޑުމެންގެ ގެއަށް އަންނާނެ. އެފަދަ އަމަލުތައް ހިންގަމުން އައިސް ޒުވާނުން ނެރެގެން ބޮޑެތި ކުށްތައް ކުރުން އާންމުވެ ހޭނިފައި މިހިރީ. އެހެންވީމަ އޭރު އެހެރީ ރާއްޖޭގެ އެކި ހިސާބުތަކުގައި މީހުންނަށް ބޮޑެތި ޖިސްމާނީ އަނިޔާކުރުމާއި މީހުން މެރުމާއި، އެކަންކަން ދިވެހިރާއްޖޭގައި އުފަންކޮށްފައި ވަނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރައީސް ނަޝީދުގެ ކުރިން މިފަދަ ބޮޑެތި ކުށްތައް ކުރާ އަޑު އިވިގެންދާނީ ވަރަށް މަދުން ކަމަށާއި އެފަދަ ސަގާފަތެއް ވެސް ރާއްޖޭގައި ނޯންނާނެ ކަމަށެވެ. މި ސަރުކާރުގައި މަރުތައް އިތުރުވީ ރައީސް ނަޝީދުގެ ސަރުކާރުގެ ތެރެއިން ހިނގައިދިޔަ ކަންކަމުގެ ތެރެއިން ކަމަށާއި މީހުން މެރުމަކީ އެއްވެސް ހާލެއްގައި ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ގިސާސް ހިފުމަށް ސަރުކާރުން ބޭނުންވާ ވާހަކަ ދައްކަވަމުންދަނީ ވެސް އެފަދަ ކުށްކުރުން ހުއްޓުވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެން ނަމަވެސް އަދިވެސް އިދިކޮޅު ފަރާތްތަކަށް މަރަށް މަރު ހިފާނެ ނުދައްކަވާ ކަމަށެވެ.
ރައީސް ވިދާޅުވީ، އަނެއްކާ ވެސް މިހާރު އަނިޔާވެރިކޮށް މީހުން މަރާމެރުން "އަލްވަދާއު" ކިޔާފައިވާ ކަމަށާއި އެކަން އެގޮތަށް ވީ މަރަށް މަރު ހިފުމުގެ ވާހަކަ މި ސަރުކާރުން ދެއްކުމުގެ ސަބަބުން ކަމަށެވެ.
"ކޮންމެވެސް ވަރަކަށް މިކަންކަން ނުހިނގައެކޭ ނޫން. އެހެން ނަމަވެސް މިދެންނެވި ސްކޭލުގައި ނުހިނގާ،" ރައީސް ޔާމީން ވިދާޅުވިއެވެ.