އަނިޔާވެރިކަން ނިންމުމަށް ދިވެހި ރައްޔިތުން ކުރަމުން އަނަން އުންމީދުތަކުގެ އަމަލީ ސިފަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ޖެހިގެންދާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ހދ. އަތޮޅަށް ކުރާ ތިން ދުވަހުގެ ކެމްޕެއިން ދަތުރުފުޅުގައި އެ އަ އަތޮޅު ނޭކުރަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ، އަދުލްއިންސާފު ގާއިމު ކުރަން ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އޮފީހުގައި މަސައްކަތް ކުރާ ނަޖުމާ އިބްރާހިމަކީ ނޭކުރަންދޫއަށް އުފަން ހިތްވަރުގަދަ ކަނބަލެއް ކަމަށެވެ. ނޭކުރަންދޫގެ ރައްޔިތުން ތިބީ އަނިޔާވެރިކަމާ ދެކޮޅަށް ކަން އެކަމުން ވެސް ހާމަވާކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ ނޭކުރަންދޫގައި ތިބި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ގަދައަޅާ މަސައްކަތްކޮށް، މި ރަށުން ބޮޑު އަގުލަބިއްޔަތެއް ގުޅިފައިވާ ޕާޓީތަކަށް ލިބިގެންދާނެ ކަމަށެވެ.

އިބޫ ވިދާޅުވީ ނޭކުރަންދޫއަކީ އެމްޑީޕީ ސަރުކާރުގައި ގެސްޓު ހައުސް ތަރައްގީކުރުމަށް އެންމެ ފުރަތަމަ ކަނޑައެޅި 20 ރަށުގެ ތެރޭގައި ހިމެނޭ ރަށެއް ކަމަށެވެ. އެހެންމަވެސް އެމްޑީޕީ ސަރުކާރު ބަދަލުވުމުން އެއްވެސް ސަރުކާރަކުން އެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ނުވާކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކެއްގެ ވެރިކަމުގައި ގެސްޓު ހައުސްތައް ގާއިމްކުރާނެ ކަމަށެވެ. އަދި އެ ރަށުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުކުމަށް ތަރައްގީގެ މަޝްރޫތައް ކުރިއަށް ގެންދާނެ ކަމަށާއި އެކަންކަން ހާމަވެގެންދާނީ ގުޅިގައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯ އެކުލަވާލެވުމުން ކަމަށް އިބޫ ވިދާޅުވިއެވެ.
ނޭކުރަންދޫގައި އޮތް ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ ހިމާޔަތްނުކޮށް އޮތްކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ އެއީ އެޝިޔާ ސަރަހައްދުގައި ވެސް އޮތް ތިން ވަނަ އަށް ބޮޑު ކަނޑޫފާ ކަމަށެވެ. އަދި ދުނިޔޭގައި 10 ވަނަ އަށް އެންމެ ބޮޑު ކަނޑޫފާ ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކެއްގެ ވެރިކަމުގައި އެ ކަނޑޫފާ ހިމާޔަތްކޮށް އެކަމުން ރައްޔިތުންނަށް ނަފާ ލިބޭނެ މަގުތައް ތަނަވަސްކޮށްދޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި އާދީއްތަ ދުވަހު އިބޫ ވަނީ އެ އަތޮޅު ނޮޅިވަރަންފަރު، ހިރިމަރަދޫ، ނެއްލާއިދޫ، ނައިވާދޫ އަދި މަކުނަދޫއަށް ވަޑައިގެންފައެވެ. މިއިން ކޮންމެ ރަށަކުން އިބޫ އަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވާއިރު، ނެއްލައިދޫ އަދި މަކުނުދޫގައި ގުޅިފައިވާ ސިޔާސީ ޕާޓީޓަކުގެ ހަރުގެ ވަނީ ހުޅުވައިދެއްވާފައެވެ. ހޯމަ ދުވަހު އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ ނޭކުރަންދޫއަށެވެ.