ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ކޮންކުރީޓުން ރޭނުމަށް ވުރެ ތްރީޑީ ޕްރިންޓިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުތައް ދިރުވާ އާލާކުރުން މާ ރަނގަޅު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސަމާ އައިލެންޑް މޯލްޑިވްސް ރިސޯޓުގެ ފަޅުތެރޭގައި ޒަމާނީ އުކުޅަކާ އެކު މުރަކަ އާލާކުރުމުގެ އީޖާދީ މަޝްރޫއެއް ފަށުމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތްރީޑީ ޕްރިންޓިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުތައް ދިރުވާ އާލާކުރުން މާ އަގުހެޔޮ، ފަސޭހަ އަދި ފައިދާ ވެސް މާބޮޑަށް ފެންނާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މިޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުތައް ދިރުވާ އާލާކުރުމުން ރަށްގިރުން ފަދަ ކަންތައްތައް ކުޑަވާނެ ކަމަށާއި، މިއީ ގުދުރަތީ ގޮތުން ދާއިމީ ހައްލެއް ލިބޭނެ ފަދަ މަޝްރޫއެއް ކަމަށެވެ.
3D printing technology helps reef restoration and could also be a cheaper and more effective way to protect shorelines from erosion. We need smarter, technology-driven options instead of huge concrete sea walls and water breakers. https://t.co/vwpLxI9RXY
— Mohamed Nasheed (@MohamedNasheed) August 13, 2018
އެހެންކަމުން ކޮންކްރީޓުން ގޮނޑުދޮށް ހިމާޔަތް ކުރުމަށް ވުރެ މިފަދަ ފަހުގެ ނެކްނޮލޮޖީ ބޭނުންކޮށްގެން ފަރުތައް ހިމާޔަތްކުރުން މުހިންމު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލްސް ސާވިސެސްއިން ކ. ޒިޔާރަތްފުށީގައި ހިންގާ ސަމާ އައިލެންޑް މޯލްޑިވްސްގައި ފެށި މި މަޝްރޫއަކީ ތްރީޑީ ޕްރިންޓްކުރި ސްޓްރަކްޗާއެއް ނުވަތަ އޮނިގަނޑެއް ފަޅުތެރޭގައި ހަރުކޮށް، އެ އޮނިގަނޑުގައި މުރަކަ އިންދައި އާލާކުރުމުގެ މަޝްރޫއެކެވެ.