އެންމެ ލޯބިވާ ދެ އަޙުންނަކީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނާއި ޝެއިހް އިލްޔާސް ހުސެން ކަމަށް ވިދާޅުވި ރައީސް ޔާމީންގެ ރަނިންގ މޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު އެންމެ ފަހުން ޝޭޚް އިލްޔާސް ހުސެއިން އަށް ބަހުގެ ޙަމަލާތަކެއް ދެއްވައިފިއެވެ.
ޝިހީމްގެ ބަހުގެ ޙަމަލާތައް ޝޭޚް އިލްޔާސްއަށް އަމާޒުކުރެއްވީ ރާއްޖޭގައި އިސްލާމްދީން ދެމިއޮތީ ވަކި މީހަކު ވެރިކަމުގައި ހުރެގެން ނޫން ކަމަށް ވިދާޅުވުމުންނެވެ.
އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ،"900 އަހަރުއްސުރެ ރާއްޖޭގައި އިސްލާމްދީން ދެމި އޮތީ ވަކި މީހަކު ވެރިކަމުގައި ހުރެގެން ނޫން،" ކަމަށެވެ. އަދި "ވަކި މީހަކު ވެރިކަމަށް ނުހޮވިއްޖެ ނަމަ ރާއްޖޭގައި އިސްލާމްދީން ނޯންނާނެ ކަމަށް ބުނުމަކީ ހަގީގަތާއި ސުންނަތާ ވެސް ހިލާފް ވާހަކައެއް،" ކަމަށް އިލްޔާސް ވިދާޅުވިއެވެ.
ޝޭޚް އިލްޔާސްގެ ވާހަކަތަކަށް ރައްދު ދެއްވައި ފުވައްމުލަކު ހޯދަނޑު އަވަށުގެ ބައެއް އާންމުންނާ ވާހަކަ ދައްވަމުން ޝަހީމް ވިދާޅުވީ ކޮންމެ ބޭފުޅަކު ވެރިކަމަށް އަޔަސް އިސްލާމްދީން އޮންނާނެ ކަމަށް އިދިކޮޅު އިލްމުވެރި އަކު ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް ކޮންމެ މީހަކު ވެރިކަމަށް އައިސްގެން އިސްލާމްދީން ނޯންނާނެ ކަމަށެވެ.
ޝަހީމް ވިދާޅުވީ އިދިކޮޅު އިލްމުވެރިއަކު އެ ވިދާޅުވާ ގޮތަށް ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް އިސްލާމްދީނު އޮންނާނެ ނަމަ އަލިރަސްގެފާނާއި މުހައްމަދު ތަކުރުފާނު ޖިހާދު ކުރައްވަން ނުޖެހުނީސް ކަމަށެވެ.
"ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް އިސްލާމްދީން އޮންނާނެ ކަމަށް، ނޯންނާނެ. އެހެން ނަމަ އަލިރަސްގެފާނު ޖިހާދު ކުރަން ނުޖެހުނީސް. އެހެން ނަމަ މުހައްމަދު ތަކުރުފާނު ޖިހާދު ކުރަން ނުޖެހުނީސް. އެހެން ނޫން ނަމަ ނޮވެމްބަރު ތިނެއްގެ ހަނގުރާމާގައި ރައީސް މައުމޫން ދުޝްމަނުންނާ ދެކޮޅަށް ހަނގުރާމަ ކުރަން ނުޖެހުނީސް. ރާއްޖޭގެ އިސްލާމްދީން ދެމިއޮތީ، ރަސްރަސްކަލުންނާއި ރައީސުންގެ ޖިހާދުން،" ޝަހީމް ވިދާޅުވިއެވެ.
ޝޭޚް އިލްޔާސަށް ބަހުގެ ޙަމަލާތަކެއް ދެއްވުމަށް، އަލިރަސްގެފާނާއި ބޮޑު ތަކުރުފާނުގެ ތަރީޚުން ޝަހީމް މިސާލު ޖައްސަވާފައި ވަނީ އެކަން ހިނގި ގޮތާއި އެކަމުގެ ޙަޤީގަތް މުޅިން އޮޅޭ ގޮތަށެވެ. އަލިރަސްގެފާނާއި ބޮޑުތަކުރުފާނު އަދި ރައީސް މައުމޫން ވެރިކަމުގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ޙަމާތައް ކުރިމަތިވެފައި ވަނީ ވަކި މީހަކު ވެރިކަމުގައި ހުރެގެން ކަމަށް އެނގޭނެ ތާރީޚީ ހެއްކެއް ނެތެވެ.
ޝަހީމް އިތުރަށް ވިދާޅުވީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތާ ވެރިޔަކު ހުންނަން ޖެހޭ ކަމަށެވެ. އަދި ރައީސް ޔާމީން ފަދަ ހިތްވަރު ގަދަ ރައީސެއް ނެތް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީނަކީ ލާދީނީ ފިކުރުތަކަށް ރާއްޖޭގައި ޖާގަ ދެއްވާނެ ބޭފުޅެއް ނޫނެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަހީމް ވިދާޅުވެފައި ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުން ހެކިކޮށް "ޝޭޚް އިމްރާނާއި ޝެއިހް އިލްޔާސް އަށް ވަރަށް ހެޔޮއެދެން" ކަމަށެވެ. އަދި އެއީ އެންމެ ލޯބިވާ ދެ އަޙުން ކަމަށާއި "އަދާލަތު ޕާޓީގެ ތިއްބެވި ބޭފުޅުންގެ ތެރެއިން އެ ދެ ބޭފުޅުން އެކަނި މި ކޮޅަށް ވަޑައިގެންނެވިއަސް އަޅުގަނޑަށް ފުދޭ" ކަމަށެވެ.