ރައީސް ޔާމިންގެ ސަރުކާރަކީ ތ. ތިމަރަފުށީގެ ރައްޔިތުންގެ އުންމީދުތައް ފަނާ ކޮށްލި ސަރުކާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމިން ތިމަރަފުށީގެ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށް އެރަށަށް ވަޑައިގަތުމާ ގުޅިގެން މެންބަރު މުސްތަފާ ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވީ ތިމަރަފުށީގެ ރައްޔިތުންނަށް ހެޔޮ އެދިގެން ރައީސް ޔާމިންގެ ސަރުކާރުން އެރަށުގައި ތަރައްގީ އެއްވެސް މަޝްރޫއެއް ހިންގާފައި ނުވާ ކަމަށާއި، މިސަރުކާރުން ވަނީ އެރަށުގެ ރައްޔިތުންގެ އުންމީދުތައް ފަނާކޮށްލާފައިވާ ކަމަށެވެ.
މުސްތަފާ ވިދާޅުވީ ރައީސް ޔާމިން ތިމަރަފުއްޓަށް ވަޑައިގަތީ ހަތިޔާރު އެޅި ސިފައިނުންނާއި ފުލުހުންނާ އެކު ކަމަށެވެ. އަދި ތިމަރަފުށީ ރައްޔިތުން ރައީސް ޔާމިނަށް މަރުހަބާ ކިޔަން ނުނިކުންނަ ކަމަށާއި، އެރަށުގެ މަގުމަތިން އާންމު ރައްޔިތަކު ނުފެންނަ ކަމަށެވެ.
ތިމަރަފުށީގައި ގާއިމްކުރި ފެނުގެ ނިޒާމަށް އަލިއަޅުއްވާލައްވާ މުސްތަފާ ވިދާޅުވީ މިމަޝްރޫއު އިފްތިތާހު ކުރުމަށް ރައީސް ޔާމިން ތިމަރަފުއްޓަށް ވަޑައިގެންނެވި ނަމަވެސް އެއީ މިސަރުކާރުން ކޮށްދެއްވި ކަމެއް ނޫން ކަމަށެވެ. އެއީ އެމްޑީޕީގެ ސަރުކާރުގައި ހަތަރު ރަށަކަށް ހަމަޖައްސާފައި އޮތް ބޭރުގެ އެހީއެއްގެ ދަށުން ހިންގި މަޝްރޫއެއް ކަމަށް މުސްތަފާ ވިދާޅުވިއެވެ.
ތިމަރަފުށީގެ ފެނުގެ މަޝްރޫއަށް 27 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.