ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި އެންމެ ފަހު ދުވަހާ ހަމައަށް އިލެކްޝަންސް ކޮމިޝަނަށް ލިބިފައި ވަނީ ގާތްގަނޑަކަށް 95,000 ފޯމު ކަމަށާއި ފޯމުތައް މިހާރު ވެސް އެންޓަރކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތުގައި 95,000 ފޯމު ލިބިފައިވާ ކަމަށާއި ހުރިހާ ފޯމުތަކެއް އަދިވެސް އެންޓަރ ނުކުރެވޭ ކަމަށެވެ. ފޯމުތައް އެންޓަރ ކުރުމުގައި ހަރަކާތްތެރި ވަނީ އިލެކްޝަންސްގެ 45 މުވައްޒަފުންނެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައި ވަނީ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި އެންމެ ފަހު ދެތިން ދުވަހުގައި ބަލްކުކޮށް ފޯމު ލިބިފައިވާ ކަމަށާއި ސިސްޓަމަށް އެންޓަރ ކުރުމަށް ލަސްވެގެންދަނީ އެގޮތަށް ބަލްކުކޮށް ފޮނުވާ ފޯމުތައް ކަމަށެވެ.
ރީ-ރަޖިސްޓަރ ވެފައިވާ އަދަދު ފުރިހަމައަށް އެނގިގެންދާނީ ހުރިހާ ފޯމުތައް ސިސްޓަމަށް އެންޓަރ ކުރުމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ރީ-ރަޖިސްޓްރޭޝަންގެ ކަންކަން ހޮނިހިރު ދުވަހުގެ ފަތިހު 04:00 އާ ހަމައަށް ކުރިއަށް ގެންގޮސްފައި ވެއެވެ.
ސެޕްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ފޮއްޓާއި، ވޯޓިން ބޫތުތައް ރަށްރަށަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފޮނުވާފައެވެ.
ޖުމްލަ 491 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި 262141 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.