ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއް ފައްޓަވައިފިއެވެ.
ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ތ. ތިމަރަފުށީގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމާއި، އެ އަތޮޅު ވޭމަންޑޫ އާއި ކަނޑޫދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމާއި ތ. ވިލުފުށި މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މީގެ އިތުރުން އެމަނިކުފާނުގެ މި ދަތުރުފުޅުގައި ތ. ބުރުންޏާއި، ދިޔަމިގިއްޔާއި މަޑިފުށީގެ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ ރައީސް ޔާމީންގެ މިދަތުރުފުޅުގައި ތ. މަޑިފުށީގެ ބިންހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމާއި، އެރަށުގައި ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
އަންނަ ސެޕްޓެމްބަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ހިންގަމުންދާއިރު، ރައީސް ޔާމީން ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ބައެއް ރަށްތަކަށް ވަޑައިގެން ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތައް އިގްތިތާހު ކޮށްދެއްވަމުންނެވެ. ނަމަވެސް ރަށްރަށުގެ ރައްޔިތުންނަށް ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވާއިރު ބައެއް ފަހަރު ވާހަކަފުޅު ބައްޓަން ކުރައްވަނީ އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވުމުގައެވެ.