ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ހދ. އަތޮޅުގައި ބާއްވާ ބޮޑު ޖަލްސާ ހޯމަ ދުވަހުގެ ރޭ (މިރޭ) ކުޅުދުއްފުށީގައި ބާއްވަން ނިންމައިފިއެވެ.
މި ޖަލްސާއަކީ ގުޅިފައިވާ ޕާޓީތަކުގެ ފާރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިހާރު ހދ. އަތޮޅުގެ 13 ރަށަކަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ކެމްޕެއިން ދަތުރުފުޅުގައި، އެ އަތޮޅުގައި ބާއްވާ ބޮޑު ޖަލްސާއެވެ. ކުޅުދުއްފުށީގައި ބާއްވާ މި ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ގައެވެ.
މި ޖަލްސާގައި އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު އާއި ރައީސް މައުމޫން އަރިހުގައި މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ އައިމިނަތު ނާދިރާ، ރައްޔިތުންގެ މަޖިލީހުގެ ގަމު ދައިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް، ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ޝާހިދު، ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް އަދި ރައްޔިތުންގެ މަޖިލީހުގެ މަކުނަދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ބައިވެރިވަޑައިގަންނަވާނެވެ.

މި ދަތުރުފުޅުގައި އާދީއްތަ ދުވަހު އިބޫ ވަނީ އެ އަތޮޅު ނޮޅިވަރަންފަރު، ހިރިމަރަދޫ، ނެއްލާއިދޫ، ނައިވާދޫ އަދި މަކުނަދޫއަށް ވަޑައިގެންފައެވެ. މިއިން ކޮންމެ ރަށަކުން އިބޫ އަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވާއިރު، ނެއްލާއިދޫ އަދި މަކުނުދޫގައި ގުޅިފައިވާ ސިޔާސީ ޕާޓީޓަކުގެ ހަރުގެ ވަނީ ހުޅުވާދެއްވާފައެވެ.
ހޯމަ ދުވަހު އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ނޭކުރަންދޫއަށެވެ. އެ އަށް ފަހު ވައިކަރަދޫ، ކުމުންދޫ، ކުރިނބީ އަދި ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެއެވެ. އަދި އަންގާރަ ދުވަހު ނޮޅިވަރަމް، ފިނޭ، ހަނިމާދޫއަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.