ހދ މަކުނުދޫއަށް ބޭނުންވާ އެންމެ އާދައިގެ ސިއްޙީ ޚިދުމަތްވެސް މިހާރު މިއޮތް ސަރުކާރުން އެރަށަށް ވަނީ ފޯރުކޮށް ނުދީކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން މަކުނުދޫގައި އާދީއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަނާރާ ވިދާޅުވީ މަކުނުދޫ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ އަތޮޅުގެ އެހެން ރަށްރަށާ އެހާ ދުރުގައި ވަކިން އެރަށް އޮންނައިރުވެސް އެރަށުގެ ރައްޔިތުންނަށް ބޭނުންވާ އެންމެ އާދައިގެ ސިއްޙީ ޚިދުމަތްވެސް އެރަށުން ލިބެން ނެތުން ކަމަށެވެ.
"އެއީ ވަރަށް އާދައިގެ ޚިދުމަތްތައް. މިސާލަކަށް އެކްސްރޭއެއް ނެގުން. ނޫނީ މާބަނޑު މީހަކު އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކަށް ދެއްކުން. ނުވަތަ ކުޑަކުދިންގެ ޑޮކްޓަރަކަށް ދެއްކުން، މިކަހަލަ ވަރަށް އަސާސީ ޚިދުމަތްތައްވެސް މިރަށުން ނުލިބޭތީ. ވަރަށް ގަދަ ކަނޑެއްގައި ދުއްވާފައި މިދާން ޖެހެނީ. ދިއުމަށް 3 ގަޑިއިރު، އެނބުރި އައުމަށް 3 ގަޑިއިރު. އެއީ އެއްދުވަހެއްގައި ކުރަން ވުމުން ޙަޤީގަތުގައި ވަރަށްބޮޑު ބުރައަކަށް ވެގެންދަނީ." އަނާރާ ވިދާޅުވިއެވެ.
އެ ޚިދުމަތްތަކަކީ މިހާރުން މިހާރަށްވެސް މަކުނުދޫއަށް ބޭނުންވާ ޚިދުމަތްތަކެއްކަމަށް ވިދާޅުވެ އަނާރާ ވަނީ އެކަމަށް ކޯލިޝަން ކެންޑިޑޭޓް ރިއާޔަތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.
އަނާރާ ވިދާޅުވީ ދަތުރުފަތުރުގެ ކަންކަން އޮތްގޮތުން ވަރަށް ބޮޑު ދަތިތަކަކާވެސް ކުރިމަތިލާން ޖެހިފައި އެބަހުރި ކަމަށާއި ބަލި މީހުން ގޮވައިގެން ކުޅުދުއްފުށްޓަށް ދަތުރުކުރަމުންދަނިކޮށް ބަލިމީހާ މަރުވުންފަދަ ހިތާމަވެރި ހާދިސާތައްވެސް ހިނގާފައިވާ ކަމަށެވެ.
މަކުނުދޫއަކީ ތައުލީމަށް ވަރަށް ބޮޑަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ރަށެއްކަން ފާހަގަ ކުރައްވަމުން އަނާރާ ވިދާޅުވީ ކީރިތި ޤުރުއާން ރީތިކޮށް ކިޔެވުމުގެ ފަންނުން އެރަށަކީ ވަރަށްގިނަ ދަރިންތަކެއް އުފައްދާފައިވާ ރަށެއް ކަމަށެވެ. އެހެންނަމަވެސް އެކަމަށް އެހީތެރިވުމުގެ ގޮތުން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް އެރަށުގައި ޤާއިމް ކުރުމަށް ކުރި މަސައްކަތް ވަނީ އެކަމަށް ހުރި ހުރަސްތަކެއްގެ ސަބަބުން ނުވެކަމަށް އަނާރާ ވިދާޅުވިއެވެ.
"އަޅުގަނޑު މަޖިލީހުގައި މިހޭދަކުރި ދުވަސްތަކުގައި އަޅުގަނޑުވާނެ މިކޮޅަށް ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ގެނައުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކޮށްފައި. އެހެންނަމަވެސް އެކަމަށްހުރި ހުރަސްތަކެއްގެ ސަބަބުން އެގޮފި މިކޮޅުގައި ޤާއިމް ކުރެވޭގޮތެއް ނުވޭ." ދާދި ފަހަކާ ޖެހެންދެން ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގެންނެވި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވިއެވެ.