ނުފުއްދޭނެ ވައުދުތައް ނުވާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ފ. މަގޫދޫގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ފައިސަލް ވިދާޅުވީ އެ ބޭފުޅުން ވައުދުވަނީ ކުރެވޭނެ ކަންތައްތަކަށް ކަމަށެވެ. އަދި ފައިސަލް ވަނީ ރައީސް އަބްދުﷲ ޔާމިން ވެވަޑައިގެންނެވި ބައެއް ވައުދުތައް ނުފުއްދޭ ވައުދުތައް ގޮތުގައި ފާހަގަ ކުރައްވާ ފާޑު ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން ވައުދެއް ނުވާނަން ރިސޯޓް ހިއްސާ ދެނަމެކޭ. އަޅުގަނޑުމެން ވައުދެއް ނުވަން ބެޔަސް ނުބެޔަސް 10000 ދޭނަމެކޭ. އެކަމު އަޅުގަނޑުމެން މި ދަންނަވަނީ ޓޫރިޒަމް ދާއިރާ ކުރިއަރުވަން ކަންކަން ކޮށްދޭނެ ވާހަކަ." ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ރައީސް ޔާމިނަށް ދެ ވަނަ ދައުރެއް ލިބިއްޖެ ނަމަ ރައްޔިތުން ބިކަވެ، އަޅުވެތިވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އަދި ވިދާޅުވީ މިއަދު ރާއްޖެ ދެކެމުންދަނީ މީގެ ކުރިން ރާއްޖެ ދުވަހަކު ވެސް ނުދެކޭފަދަ ހިތާމަވެރި ދުވަސްތަކެއް ކަމަށެވެ. ފައިސަލް ވިދާޅުވީ ސަރުކާރު ބަދަލުކުރުމަށް ލިބޭ ފުރުސަތު ދޫކޮށްލައިފި ނަމަ އެ ދޫކޮށްލެވުނީ ޅަ ދަރިންގެ މުސްތަގުބަލު ކަމަށެވެ.
ހަމަ އެހެންމެ ރައީސް އަބްދުﷲ ޔާމިނަށް އިތުރު ދައުުރެއް ދީފި ނަމަ ރާއްޖެ އަޅުވެރިކަމަށް ދާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. އަދި ވައުދު ވަނީ ތައުލީމީ ނިޒާމްގެ ތެރެއަށް ސިޔާސީ ފިއްތުންތައް ނުވައްދާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.