ފ.މަގޫދޫއިން މުރުޝިދު އަބްދުލް ހަކީމް
އަންނަ ރިޔާސީ އިންތިހާބަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ކުރަމުންދާ ކެމްޕެއިންގެ ތެރެއިން ރަނިންގ މޭޓް ފައިސަލް ނަސީމްއާއެކު ބޮޑު ޖަލްސާއެއް މިރޭ ފ. މަގޫދޫގައި ބާއްވަން ނިންމައިފިއެވެ.
މަގޫދޫގައި މިރޭ ބާއްވާ ޖަލްސާއަކީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ހޯދުމަށް ފ.އަތޮޅުގައި ބާއްވާ ފުރަތަމަ ކެމްޕެއިން ޖަލްސާ އެވެ. މި ޖަލްސާގައި އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާނެ އެވެ.
އޭގެ އިތުރުން މި ޖަލްސާގައި ބިލެތްދޫގެ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހްމަދު ހަމްޒާ އާއި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަބްދުﷲ މައުސޫމާއި އެމްޑީޕީގެ ތިނަދޫ ދެކުނު ދާއިރާގެ ރައީސާ އައިޝަތު ޒިފްލީން އާއި ގާނޫނީ ވަކީލް އަހްމަދު ފަރީދާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ޝަރީފު ވާހަކަ ދައްކަވަން ވަނީ ހަމަޖެހިފަ އެވެ.
ފައިސަލް ވަނީ ފ.އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ވަޑައިގެންފަ އެވެ. އެގޮތުން ފީއައްޔާއި ބިލެތްދޫ އާއި ދަރަނބޫދޫއަށް ވަޑައިގެން އެރަށުގައި ތިބި ސަޕޯޓަރުންނާއި ފައިސަލް ވަނީ ބައްދަލުކުރައްވާފަ އެވެ.