ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ސިޔާސަތުތައް ކަނޑައަޅާނީ ޒުވާނުންގެ ފުރިހަމަ ހިއްސާއާއެކު ކަމަށް ރިޔާސީ އިންތިހާބުގައި ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ޒުވާނުންނަށް އަރިސްކޮށް އިބޫ ކުރެއްވި ޓްވީޓެއްގައި ވަނީ ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައި ޒުވާނުންގެ ދައުރު ނުހަނު ބޮޑު ކަމަށެވެ. އެހެންކަމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަރުކާރެއްގައި ސިޔާސަތުތައް ކަނޑައަޅާނީ ޒުވާނުންގެ ފުރިހަމަ ހިއްސާއާއެކު ކަމަށް އިބޫ ވަނީ ވިދާޅުވެފައެވެ.
Ufaaveri bainalaqwaamee zuvaanunge dhuvahakah edhen. Gaumuge musthaqbal binaakurumah zuvaanunge dhauru nuhanu bodu. Alhugandumenge sarukaarehgai siyaasaathuthah kanda alhaanee zuvaanunge furihama hissa aaeku. #InternationalYouthDay
— Ibrahim Mohamed Solih (@ibusolih) August 12, 2018
އިބޫ ވިދާޅުވި ގޮތުގައި އަންނަ ރިޔާސީ އިންތިހާބަށް ކުރައްވަމުން ގެންދަވާ ކެމްޕެއިންގައި އެންމެ އިސްކަމެއް ދެއްވާ އެއް ދާއިރާއަކީ ޒުވާނުން ބާރުވެރިކުރުވުމެވެ. އެގޮތުން ރިޔާސީ އިންތިހާބަށް އެމްޑީޕީއިން ހުށަހަޅާފައިވާ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގައި ސިޔާސަތުތައް ކަނޑައެޅުމުގައި ޒުވާނުންގެ ދައުރު ބޮޑުކުރުމަށް ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ.
ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް ބަލާއިރު ވެސް ރާއްޖެއަކީ ޒުވާނުންގެ ހިއްސާ ކުޑަ ގައުމަކަށްވާއިރު މިކަން ބަދަލުކުރުމަށް އެމްޑީޕީގެ މެނިފެސްޓޯގައި އެކި ކަންކަން ވަނީ ހިމަނާފައެވެ. ހަމައެހެންމެ އިބޫގެ ކެމްޕެއިންގައި ގިނަ އަދަދެއްގެ ޒުވާނުން ވެސް ހަރަކާތްތެރިވަމުންދާކަން ފާހަގަކޮށްލެވެއެވެ.