ފަހަތަށް ޖެހުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި އިލްހާމު ހުންނެވީ އިސްލާހީ މަސައްކަތްތަކުގައި ވަރަށް ސާބިތު ކަމާ އެކުގައި ކަމަށް ދަނގެތި ދާއިރާގެ މެމްބަރު އިލްހާމު އަހުމަދު ވިދާޅުވެއްޖެއެވެ.
އިލްހާމުގެ ގާނޫނީ ވަކީލުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ، އިލްހާމް އަހުމަދު ޖަލުގައި ހުންނަވާތާ ހަ މަސް ދުވަސް ވެފައިވާ ކަމަށާއި ޖަލުގައި ބަންދު ކުރެވިފައިވަނީ ތުހުމަތު ކުރެވުނު މައްސަލައެއްގައި ނޫން ކަމަށެވެ. އެގޮތުން އިލްހާމް އަހުމަދު ހައްޔަރު ކުރެވުނުތާ އެއް މަސް ފަހުން އޭނާ ގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވުނު ކަމަށާއި ޓެރަރިޒަމްގެ ތުހުމަތެއް ނެތި ޖަލު ބަންދުގައި ގެންގުޅެފައިވާ ކަމަށެވެ. އަދި އެމުއްދަތުގެ ތެރޭގައި އޭނާއާއި ސުވާލު ކުރެވިފައިވަނީ، ހޫނުފެނުގެ މައްސަލައާއި 2017 ވަނަ އަހަރުގެ މެއި މަހުގައި ހިނގާދިޔަ ރިޝްވަތުގެ މައްސަލައަކާ ގުޅިގެންނެވެ.
އެހެންނަމަވެސް ފަހުން ތުހުމަތު ކުރެވުނު އެދެ މައްސަލައިގެ ބަދަލުގައި ޓެރަރިޒަމްގެ ދައުވާ އުފުލައި 32 ހެއްކެއް ކޯޓަށް ހުށަހަޅާފައިވާކަމަށް ގާނޫނީ ވަކީލުން ބުނެފައިވެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 140 ވަނަ މާއްދާއިން ކަނޑައަޅާފައިވަނީ ބަންދުގައި ހުންނަ މީހެއްގެ ޝަރީއަތް އެމީހަކަށް މައްސަލައިގެ ލިޔެކިޔުންތައް ލިބޭތާ 70 ދުވަހުގެ ތެރޭގައި ފަށަން ޖެހޭކަމަށާއި އިލްހާމުގެ މައްސަލައިގައި ލިޔެކިޔުންތައް ލިބިފައިވާތާ 135 ދުވަސް ވެފައިވާ ކަމަށް ގާނޫނީ ވަކީލުން ބުނެއެވެ.