އަބާދީ ކުދި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން މަޖުބޫރުކޮށްގެން އެހެން ރަށަކަށް ބަދުވާން ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި މަޖުބޫރުނުކުރާނެ ކަމަށް ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ހދ އަތޮޅަށް ކުރައްވާ ތިން ދުވަހުގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހިރިމަރަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެއްވެސް ރަށެއްގައި ދިރިއުޅޭ ރައްޔިތެއް އެހެން ރަށަކަށް ބަދަލުކުރަން ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި މަޖުބޫރުނުކުރާނެ ކަމަށެވެ. އެހެންނަމަވެސް ރައްޔިތުމީހާ ދިރިއުޅޭ ރަށް ބަދަލުވާން ބޭނުންވެއްޖެނަމަ އެ ފުރުސަތު އޮންނާނެ ކަމަށް އަބާދީގައި 500 އެއްހާ މީހުން ދިރިއުޅޭ ހިރިމަރަދޫގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވިއެވެ.
"ޢެއްވެސް ރައްޔިތަކަށް މަޖުބޫރެއް ނުކުރާނަން، އެ ރައްޔިތެއް އުޅޭތަނެއް ދޫކޮށްފައި ދާކަށެއް، އެހެންނަމަވެސް އެއްވެސް ބޭފުޅަކު، އެހެންތަކަށް އެހެން ރަށަކަށް ބަދަލުވާން ބޭނުންކަމަށް ވަންޔާ އެ ފުރުސަތު އަޅުގަނޑުމެންގެ ސަރުކާރުގައި ހުޅުވާލާފައި އޮންނާނެ" އިބޫ ހިރިމަދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

އެގޮތުން ހިރިމަރަދޫގެ ރައްޔިތުން ވެސް ގޮތެއް ނިންމަންވީކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ އެރަށުގެ ރައްޔިތުން ވެސް އެހެން ރަށަކަށް ބަދަލުވާން ބޭނުންވެއްޖެނަމަ އެކަން ކުރެވޭނެ ކަމަށެވެ.
"ތިބޭފުޅުން ގޮތެއް ނިންމަވަންވީ، މި ރަށުގައި ތިއްބަވާނީ ތޯ، ނޫނިއްޔާ އެހެން ރަށަކަށް ބަދަލުވާނީތޯ، މަޖުބޫރަކުން ވަކިކަމެއް ރަށުން ބާލާއިގެން ގެންދިއުމެއް ނުވަތަ މަޖުބޫރުން މިތަނުގައި ތިބޭކަށެއް އަޅުގަނޑުމެން ގޮތެއް ނުނިންމާނަން" ހިރަމަރަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވިއެވެ.
މިއީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އިބޫ އަށް ކަނޑައެޅި ފަހުން އެމަނިކުފާން ހދ. އަތޮޅަށް ވަޑައިގަންނަވާ ފުރަތަމަ ކެމްޕެއިން ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އާދީއްތަ ދުވަހު އިބޫ ވަޑައިގަންނަވާނީ އެ އަތޮޅު ނޮޅިވަރަމްފަރު، ހިރިމަރަދޫ، ނެއްލާއިދޫ، ނައިވާދޫ އަދި މަކުނަދޫއަށެވެ. އިބޫ ނޮޅިވަރަމްފަރާއި ހިރިމަރަދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ.