ރަށްރަށުގައި ތިބި ރައްޔިތުން ހިމާޔަތްކުރެވޭނީ އެރަށެއް ހިމާޔަތްކޮށްގެން ކަމަށް އިދިކޮޅު ކޯލިޝަނުގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ފ. ބިލެތްދޫއަށް ވަޑައިގެން އެރަށުގައި ތިބި ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ފައިސަލް ވިދާޅުވީ އެރަށުގައި ވެސް ރަށްގިރުމުގެ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށެވެ. ބިލެތްދޫގައި ވެސް ގޯތިބޭނުންވާ ގިނަ ޒުވާނުން ތިބިއިރު ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދަދޭން ޖެހޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި އެ މައްސަލައަށް މިހާތަނަށް ވެސް ހައްލު ހޯދަނުދީ އޮތުމަކީ ކަން ވެގެންވާނެ ގޮތެއް ވެސް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބިލެތްދޫގައި ވެސް ކޮށްދޭން ހުރި ބައެއް ކަންތައްތައް ނުކޮށްދީ ހުރިކަން ފާހަގަ ކުރައްވައި ފައިސަލް ވިދާޅުވީ އެކަން ކަން ނުވެހުރީ ސަރުކާރުން ފަރުވާ ކުޑަކުރުމުގެ ސަބަބުން ކަމަށެވެ. ފައިސަލް ވިދާޅުވީ ކޯލިޝަން ސަރުކާރެއްގައި ރާއްޖޭގައި މަޝްރޫއުތައް ހިންގާނީ ރައްޔިތުން ބޭނުންވާގޮތަށް ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ގިނަ ކަންތައްތަކުގައި ލުއި ހޯއްދަވައި ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފައިސަލް ބިލެތްދޫއަށް ވަޑައިގެންނެވީ ފ.އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގެ ތެރެއިންނެވެ. މި ދަތުރުގައި ފ އަދި ދ އަތޮޅުގެ ރަށްތަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި އެވެ.