ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ދީނީ އެއްވެސް ކަމެއްގެ ތެރެއަށް ސިޔާސީ ކަންތައްތަކެއް ނުވައްދާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފ. ފީއައްޔަށް ވަޑައިގެން އެރަށުގައި ތިބި ސަޕޯޓުންނާ ބައްދަލު ކުރައްވައި، ފައިސަލް ވިދާޅުވީ ދީނީ ކަންކަން ސިޔާސީ ކުރަމުންދިޔުމަކީ ރައްޔިތުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އެގޮތުން ފައިސަލް ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ހައްޖު ކޯޓާ ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނީ ދެ ފުށް ފެންނަ ގޮތަކަށް ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އަކީ ސިޔާސީ ނުފޫޒުން އެއްކިބާ ވެފައި އޮންނަ ތަނަކަށް ހަދަން ޖެހޭ ކަމަށެވެ. ހައްޖަށް ދިއުމަށް ފައިސާ ދައްކައިގެން އެކި މައްސަލަތައް ދިމާވެ ހައްޖަށް ނުދެވިފައި ތިބި މީހުނަށް އެކަމުގެ ހައްލު ހޯދާ ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ހުކުރު ހުތުބާ ވެސް ސިޔާސީ ވެގެން ދިޔަތަން ފެނުން ކަމަށާއި އެކަން ރައްޔިތުން ކުށްވެރިކުރާ ކަމަށެވެ. ހުކުރު ހުތުބާގައި ދައްކާ ވާހަކަ ތަކުގައި ސިޔާސީ ކުލަ ޖެހިގެން ނުވާނެ ކަމަށާއި އެކަން ކަމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ ދީނީ މުޖުތަމައުއެއްގެ ގޮތުގައި ސައްތައިން ސައްތަ ގައުމެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަކީ އެ ބޭފުޅުން ބޭނުންވާ ގޮތް ކަމަށެވެ.
ފީ އަލީގެ ސިއްހީ ނިޒާމްގެ މައްސަލަތައް ހައްލު ކުރުމުގައިވެސް ފަހަކަށް ނުޖެހޭނެ ކަމަށާއި ސިއްހީ ނިޒާމް ރަނގަޅުވާނެ ދުވަހަކަށް ދެން އިންތިޒާރު ކުރަން ނުޖެހޭނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. މިހާރު ލިބެމުންދާ އެއްވެސް އިނާޔަތެއް ކަނޑާނުލައްވާނެ ކަމަށް ފާހަގަ ކުރައްވައި ފައިސަލް ވިދާޅުވީ ގާނޫނުތަކަށް ބަދަލުގެނެސްގެން ނަމަވެސް ރައްޔިތުންނަށް ފަސޭހަތައް ގެނެސްދެއްވާނެ ކަމަށެވެ. ފައިސަލް ވިދާޅުވީ ފީއަލީގައި ގޯތި ދޭނެ ބިމެއް ނެތުމުގެ ދަތިކަން ކޯލިޝަން ސަރުކާރެއްގައި ހައްލު ކޮށްދެއްވާނެ ކަމަށެވެ.