އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް ފައިސަލް ނަސީމް ފ. އަދި ދ. އަތޮޅަށް ފުރާވަޑައިގެންފި އެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް ފައިސަލް ފ. އަތޮޅާއި ދ.އަތޮޅުގެ ރަށްތަކަށް ވަޑައިގަތުމަށް ދަތުރުފެއްޓެވީ އާދިއްތަ ދުވަހުގެ ހެނދުނެވެ. މި ދަތުރުގައި ފައިސަލް އާދިއްތަ ދުވަހު ވަޑައިގަންނަވަން ހަމަ ޖެހިފައިވަނީ ފ.ފީއައްޔާއި ބިލެތްދޫ އާއި ދަރަނބޫދޫގެ އިތުރުން މަގޫދޫ އަށެވެ. އަދި މަގޫދޫގައި އާދިއްތަ ދުވަހު ކޯލިޝަނުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަ ޖެހިފައި އެވެ.
ހޯމަ ދުވަހު ފ. ނިލަންދޫ އަށާއި ދ. ހުޅިދެއްޔާއި ރިނބިދޫގެ އިތުރުން ބަނޑިދޫ އާއި މީދޫ އަށް ވަޑައިގަތުމަށް ވަނީ ހަމަ ޖެހިފައި އެވެ. އޭގެ އިތުރުން އަންގާރަ ދުވަހު މާއެނބޫދޫ އާއި ކުޑަހުވަދޫ އަށް ވަޑައިގަތުމަށް ހަމަ ޖެހިފައިވެ އެވެ.
ފައިސަލް ވަޑައިގަތުމަށް ހަމަ ޖެހިފައިވާ ކޮންމެ ރަށެއްގައި ވެސް އެރަށުގައި ތިބި ސަޕޯޓުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވާނެ އެވެ. އަދި އޭގެ އިތުރުން ކޮންމެ ރަށެއްގައިވެސް ދޮރުން ދޮރަށް ހިންގެވުމަށްވަނީ ހަމަޖެހިފައި އެވެ.
ފައިސަލް އާއި އިބޫ ވަނީ ރާއްްޖޭގެ ގިނަ ރަށްތަކަށް ކެމްޕެއިންގައި ވަޑައިގެންފަ އެވެ.