ސައޫދީ އަރަބިއްޔާއަށް ހަނދު ސާބިތުވުމާ ގުޅިގެން، އާދީއްތަ ދުވަހަކީ ރާއްޖެއަށްވެސް މި އަހަރުގެ ޛުލްހިއްޖާ މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ހޮނިހިރު ދުވަހުގެރޭ ކަނޑައަޅައިފި އެވެ.
ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ އާދީއްތަ ދުވަސް ކަމަށް ވުމުން މި އަހަރުގެ އަރަފާތު ދުވަސް ކަމުގައި ވެގެންދާނީ މި އޯގަސްޓް މަހުގެ 20 ވަނަ ދުވަހެވެ.
އިސްލާމިކް މިނިސްޓްރީން ހޮނިހިރު ދުވަހުގެ ރޭ ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އާދީއްތަ ދުވަހަކީ ޛުލްހިއްޖާ މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައެޅީ ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ހަނދު ސާބިތުކޮށްފައިވާތީ ކަމަށެވެ.
ސައޫދީ އަށް ހޮނިހިރު ދުވަހުގެ ރޭ ހައްޖު މަހަށް ހަނދު ފެނުނު އިރު، އާދީއްތަ ދުވަހަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުންވެސް ސާބިތުވެ އެވެ. ސައޫދީ އަރަބިއްޔާއަށް ހޮނިހިރު ދުވަހުގެ އިރު އޮއްސުމަށް ފަހު، 12 ވަރަކަށް މިނެޓް ވަންދެން ހަނދު، ފެންމަތީގައި ހުއްޓެވެ. އެހެންކަމުން، ހޮނިހިރު ދުވަހުގެ އިރު އޮއްސުމަށް ފަހުގައި ހަނދު ފެނުމުގެ ފުރުސަތު އޮތެވެ.