ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ރަހުމަތްތެރި ޤައުމުތަކާއިއެކު، ޚާއްސަކޮށް އިސްލާމީ ޤައުމުތަކާއިއެކު އޮންނަ ގުޅުން ބަދަހިކުރައްވާނެކަމަށް އެކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ހޮނިހިރު ދުވަހުގެރޭ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރާއްޖެއަކީ ކުޑަ ޤައުމެއްނަމަވެސް ރާއްޖެ އޮތީ އިންޑިއާ ކަނޑުގެ މުހިއްމު ސަރަހައްދެއްގައިކަމަށެވެ. އެހެންކަމުން ރާއްޖެއިން އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލަން ޖެހޭނެކަމަށް އިބޫ ވިދާޅުވިއެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ޚާރިޖީ ސިޔާސަތު ބައްޓަން ކުރާނީ ވަރަށް ބޮޑަށް ވިސްނައިގެންކަމަށް އިބޫ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެހީތެރިވާ، އަޅުގަނޑުމެންނަށް އެހީތެރިވެދޭނެކަމަށް ޤަބޫލުކުރާ ފަރާތްތަކާއެކު، ޚާއްސަކޮށް އިސްލާމީ ޤައުމުތަކާއެކު، އޯއައިސީގެ ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކޮށް، އަދި ކޮމަންވެލްތުފަދަ ވަކިވެފައިވާ ޖަމާޢަތްތަކާއެކު އަޅުގަނޑުމެން ގުޅުން އައުކުރަން އެބަޖެހޭ،" އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ވަކި ޤައުމެއް އެކަހެރިކޮށް ދޫނުކުރާނެކަމަށާއި، ރާއްޖެއަށް ހެޔޮ އެދޭ ހުރިހާ ޤައުމަކާއެކު ގުޅުން ބަދަހިކުރާނެކަމަށެވެ. އަދި އަވަށްޓެރި ޤައުމުތަކަށް އިސްކަން ދެއްވާނެކަމަށްވެސް އިބޫ ވިދާޅުވިއެވެ.
ޗައިނާއާއި ސަޢޫދީއާއި އެކު މިސަރުކާރުން ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށްފައިވާއިރު، ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެޤައުމުތަކާއެކު އޮންނަ ގުޅުން ކުޑަކުރާނަންތޯ ސުވާލު ކުރުމުން އިބޫ ވިދާޅުވީ އެޤައުމުތަކާއެކު އޮންނަ ގުޅުން ކުޑަ ނުކުރާނެކަމަށާއި، ސަޢޫދީއަކީ ރާއްޖެއާއި ވަރަށް ގާތް އިސްލާމީ ޤައުމެއްކަމަށެވެ. އަދި ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަމަށެވެ.