ސިފައިންނާއި ފުލުހުންނަށް ބިނާކޮށްދޭން ބުނެފައިވާ ފްލެޓްތައް ހުއްޓިފައިވާއިރު، ވެރިކަމުގެ ފުރަތަމަ އަހަރެއްހާ ދުވަސްތެރޭގައި އެ ފްލެޓްތަކަށް ވަދެވޭވަރު ކޮށްދެއްވާނެ ކަމަށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އިބޫ ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުލިބެގެން އުޅެނީ ސަރުކާރުން ހިންގާ ކޮރަޕްޝަންގެ އަމަލުތަކާއި ހިންގަން ޖެހޭ ޕްރޮޖެކްޓްތައް ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ނުހިންގާތީ ކަމަށެވެ.
"ބޯހިޔާވަހިކަމުގެ މަޝްރޫއު އެންމެ ފުރަތަމަ ބޮޑުކޮށް ފެއްޓެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، މިއަދު ރައީސް ޔާމީންގެ ސަރުކާރުން އާންމުންނަށް ފްލެޓް ދީފައި އެވަނީ އޭރު އެމްޑީޕީ ސަރުކާރުން ފެއްޓި މަޝްރުއޫތަކުގެ ތެރެއިން. ރައީސް ޔާމީންގެ ސަރުކާރުން މިހާތަނަށް ފައްޓަވާފައި އޮތް މަޝްރުއޫގެ ތެރެއިން އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ލިބުނުކަން އެނގޭކަށް ނެތް، އަނެއްކާ ކުރިއަށް ދޭނެ ކަމަށް ވިދާޅުވެ ކޮށްފައިވާ އެގްރީމަންޓައް ބަލާއިރު އެއްވެސް ހަމައެއް އިންސާފެއް އޮވެގެން ކުރި އެގްރީމަންޓެއް ކަމަށް ފެންނާކަށް ނެތް" އިބޫ ވިދާޅުވިއެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް 4000 ނޫނީ 5000 ފްލެޓް އަޅައިދިނުމުން މި ވަގުތުން ބޯހިޔާވަހިކަމުގެ މައްސަލައަށް ވަގުތީ ހައްލެއް ލިބިގެންދާނެކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ވައުދު ވެވަޑައިގަންނަވާ ކަންތައް ފުއްދަވާނެ ކަމަށެވެ.
ސިފައިންނާއި ފުލުހުންނަށް ފްލެޓްތަކެއް ދޭނެ ކަމަށް ބުނެ ރައީސް ޔާމީންގެ ސަރުކާރުން އެ ފުލުހުންގެ މުސާރައިން އެޑްވާންސްއަށްވާ ފައިސާ ކަނޑާފައިވާ ކަމަށާއި ފަސް އަހަރު ވެގެންދިޔައިރު ވެސް އެ ފްލެޓްތައް ސިފައިންނާއި ފުލުހުންނަށް ދީފައިނުވާ ކަމަށް އިބޫ ވިދާޅުވިއެވެ. އިބޫގެ ވެރިކަމެއްގައި. މިހާރު ހުއްޓިފައި ހުރި އެ ފްލެޓްތަކުގައި އާއިލާތަކަށް ދިރިއުޅެވޭނެ ގޮތް އެއްއަހަރު ތެރޭގައި ހައްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފްލުހުންނަށް 300 ފްލެޓް، ސިފައިންނަށް 300 ފްލެޓް ދޭން ނިންމައި، އެ ފްލެޓްތައް ވަނީ ބިނާކުރަން ފަށައިފަ އެވެ. ނަމަވެސް، މަސައްކަތް ވަނީ ހުއްޓިފަ އެވެ.
މި ވެރިކަމުގައި ބޯހިޔާވަހިކަން ދިނުމަށް ރާއްޖެ އައި ތުރުކީގެ ކުންފުޏަކަށް 300 މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީ ދީފައިވާ ކަމަށާއި ނަމަވެސް، އެ ކުންފުންޏަށް މިހާރު ވީނުވީއެއް އެއްވެސް ނޭނގޭ ކަމަށެވެ. މިފަދަ މައްސަލަތައް ހުރުމަކީ އިބޫ ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުލިބެގެން އުޅޭ އެއް ސަބަބެވެ.
އިބޫ އިތުރަށް ވިދާޅުވީ ޕްރޮޖެކްޓްތައް "އޯޕަން" ބިޑަކަށް ހުޅުވާލުމުން އެކަމަށް އިންވެސްޓަރުން ކުރިމަތިލާނެ ކަމަށާއި މިހާރު އިންވެސްޓަރުން ރާއްޖޭގެ ޕްރޮޖެކްޓްތަކުގައި އިންވެސްޓް ކުރަން ޖެހިލުން ވަނީ އަރި އަރިމަތިން ނަގާ ބައި ބޮޑުވުމުން ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުން ވަނީ ބޯހިޔާވަހިކަން ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެ އެކި މަޝްރުއޫތައް ފައްޓަވާފައެވެ. އެހެން ނަމަވެސް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް މިއަދާ ހަމައަށް އައިރު ވަނީ ހައްލެއް ނުލިބިފައެވެ. އެންމެ ފަހުން ހައުސިންގ މިނިސްޓްރީން ފްލެޓްތައް ދޫކުރި އިރު ބޮޑު އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.