ކޯލިޝަނަކަށް ގާނޫނީ ހައިސިއްޔަތު ދިނުމަށް ގާނޫނެއް ހަދައި ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅަން ގުޅިފައިވާ ޕާޓީތަކުން އެއްބަސްވެފައިވާ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ހަތަރު ޕާޓީތަކުގެ ލީޑަރުން ގުޅިގެން މަސައްކަތް ކުރަނީ ކުރިއާލާ ވަކި ކަންތައްތަކަކަށް އެއްބަސްވެގެން، ރާއްޖެއަށް ބަދަލުތަކެއް ގެނައުމަށް ކަމަށެވެ. ނަމަވެސް މީގެ ކުރިން އުފެދުނު ކޯލިޝަންތަކަކީ ވަކި ވެރިކަމެއް ބަދަލު ކުރުމަށް އުފެދުނު ކޯލިޝަންތަކެއް ކަމަށާއި އެގޮތުން 2008 ވަނަ އަހަރާއި 2013ގެ ރިޔާސީ އިންތިހާބުގައި ވެސް ކޯލިޝަން ހަދައިގެން އުޅުނީ އިންތިހާބުން ކާމިޔާބު ހޯދުމުގެ ބަދަލުގައި ވެރިކަން ބަދަލު ކުރުމަށް ކަމަށް އިބޫ ވިދާޅުވިއެވެ.
"އެއާ ހިލާފަށް މިހާރު މިއޮތް ކޯލިޝަނަކީ މާ ކުރިން، ދެ އަހަރު ކުރިން އަޅުގަނޑުމެން ގަބޫލު ކުރާ ކަންތައްތަކެއް، ބަދަލު ކުރަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް އެއްބަސްވެވިގެން އެގްރިމެންޓެއް ހެދިގެން ހެދިފައި އޮތް ކޯލިޝަނެއް،" އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއް ދަމަހައްޓާނެ ގޮތާއި ވެރިކަން ރޫޅިގެންދާނެ ގޮތް ގާނޫނެއްގައި ނުވަތަ ގާނޫނުއަސާސީގައި ބަޔާން ކުރުމަށް އެއްބަސްވެފައިވާނެ ކަމަށެވެ. ގާނޫނުއަސާސީއަށް އެ ބަދަލު ގެނައުމުގެ ކުރިން ގާނޫނެއް ހަދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އެއްބަސްވުމެއްގައި ހުންނާނެ ކޯލީޝަންގެ ވެރިކަމެއް ރޫޅޭނެ ގޮތް، ނުވަތަ ދެމެހެއްޓޭނެ ގޮތް، ގާނޫނެއްގައި ނުވަތަ ގާނޫނުއަސާސީގައި ލިޔަންވާނެއޭ. ގާނޫނީ ހައިސިއްޔަތު އެއަށް ދޭންޖެހޭނެއޭ. ގާނޫނުއަސާސީއަށް މި ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައި އަޣުލަބިއްޔަތުން. އެ ލިބެންދެން ވެސް ގާނޫނުއަސާސީ ތަންދޭ މިނުގައި ގާނޫނަކުން އެ ބާރު އަޅުގަނޑުމެން ދޭނަން،" ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި 24 އަހަރު ހޭދަ ކުރެއްވި އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ޕާޓީތަކުގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިދާނެ ކަމަށާއި ނަމަވެސް ގުޅިފައިވާ ޕާޓީތަކުން މަސައްކަތް ކުރަނީ ދެބަސްވުމަށް އެއްބަސްވެގެން ކަމަށެވެ.
އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހޭދަ ކުރި މުއްދަތުގެ ތެރޭގައި ގިނަ ތަޖުރިބާތަކެއް ކުރެވިފައިވާ ކަމަށާއި އެމަނިކުފާނުގެ ދެކެ ރުޅި އަންނާނެ މެމްބަރަކު މަޖިލީހުގައި ނުހުންނާނެ ކަމަށެވެ. އަދި އެމަނިކުފާނަށް ވެރިކަން ނުކުރެވޭނެ ކަމަށް އެއްވެސް މަޖިލިސް މެމްބަރަކު ނުބުނާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.