ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކެމްޕެއިން ދަތުރުފުޅެއްގައި އާދީއްތަ ދުވަހު (މާދަމާ) ހދ. އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ތިން ދުވަހުގެ މި ދަތުރުފުޅުގައި އިބޫ ހދ. އަތޮޅުގެ 13 ރަށަކަށް ވަޑައިގަންނަވާނެއެވެ. މިއީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓްގެ ގޮތުގައި އިބޫ އަށް ކަނޑައެޅި ފަހުން އެމަނިކުފާން ހދ. އަތޮޅަށް ވަޑައިގަންނަވާ ފުރަތަމަ ކެމްޕެއިން ދަތުރުފުޅުއެވެ. މި ދަތުރުފުޅުގައި އާދީއްތަ ދުވަހު އިބޫ ވަޑައިގަންނަވާނީ އެ އަތޮޅު ނޮޅިވަރަންފަރު، ހިރިމަރަދޫ، ނެއްލާއިދޫ، ނައިވާދޫ އަދި މަކުނަދޫއަށެވެ.
އެގޮތުން މި ރަށްތަކުގެ ރައްޔިތުންނާ އިބޫ އާދީއްތަ ދުވަހު ބައްދަލުކުރައްވާއިރު، ނެއްލައިދޫ އަދި މަކުނަދޫއަށް އެމަނިކުފާނު ވަޑައިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ޖަގަހަ ހުޅުވައިދެއްވާއިރު، މަކުނަދޫގައި އަދާލަތު ޕާޓީގެ ޖަގަހައެއް އެމަނިކުފާނު އާދީއްތަ ދުވަހުގެ ރޭ ހުޅުވައިދެއްވާނެއެވެ.
ހޯމަ ދުވަހު އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ނޭކުރަންދޫއަށެވެ. އެ އަށް ފަހު ވައިކަރަދޫ، ކުމުންޑޫ، ކުރިނބީ އަދި ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެއެވެ. މި ދަތުރުގައި ހދ. އަތޮޅުގައި ބާއްވާ ބޮޑު ޖަލްސާ ހޯމަ ދުވަހުގެ ރޭ ކުޅުދުއްފުށީގައި ބާއްވާނެއެވެ. އަދި އަންގާރަ ދުވަހު ނޮޅިވަރަމް، ފިނޭ، ހަނިމާދޫއަށް އެމަނިކުފާން ވަޑައިގަންނަވާނެއެވެ.
މި ދަތުރުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ޕާޓީތަކުގެ އިސްވެރިން ބައިވެރިވަޑައިގަންނަވާކަން ފާހަގަކޮށްލެއެވެ. އިބޫ ހދ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، އެ އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރައްޔިތުން ދަނީ އެމަނިކުފާނުގެ ދަތުރުފުޅަށް ތައްޔާރުވަމުންނެވެ. އެގޮތުން ބަނދަރު ސަރަހައްދު ޒީނަތްތެރިކުރުމާއި، ހުޅުވަން ހަމަޖެހިފައިވާ ޖަގަހަތަކުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަން ފާހަގަކޮށްލެވެއެވެ.