މި އަހަރު 100 އަށް ވުރެ ގިނަ ސިވިލް ސާވެންޓުން ތަމްރީނަށް ޗައިނާއަށް ފޮނުވަން މަސައްކަތް ކުރައްވާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ހޮނިހިރު ދުވަހު ވިދާޅުވެއްޖެ އެވެ.
"މި އަހަރު އަޅުގަނޑުމެން އުންމީދު ކުރަނީ 100 އަށް ވުރެ ގިނަ ސިވިލް ސާވެންޓުން ތަމްރީނަށް ޗައިނާއަށް ފޮނުވަން،" ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ރަޝީދު އިސްވެ ހުންނަވައި އުފައްދާފައިވާ ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަނުން އިންތިޒާމް ކުރި " މައި ސްޓޯރީ ވިތު ޗައިނާ" އިވެންޓްގައި ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ މިހާތަނަށް ސިވިލް ސާވިސްގެ މުވައްޒަފުންނަށް އެންމެ ގިނަ ތަމްރީނުގެ ފުރުސަތުތައް ދީފައިވާ ގައުމުތަކަކީ ޗައިނާ ކަމަށެވެ. މި އަހަރުވެސް ގިނަ އަދަދެއްގެ ސިވިލް ސާވެންޓުން ތަމްރީނަށް ޗައިނާއަށް ފޮނުވަން ނިންމާފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޗައިނާގެ ފަރާތުން ދަސް ކުރެވޭނެ ކަންތައްތައް ވަރަށް ގިނަ ކަމަށެވެ.
ޝަމީމް ވިދާޅުވީ ޗައިނާގެ ސިވިލް ސާވިސްއަކީ އެންމެ ރަނގަޅަށް މަސައްކަތް ކުރާ އެއް ސިވިލް ސާވިސް ކަމަށެވެ. ނަވާރަ ސަތޭކަ ފަސްދޮޅަސް ފަސް ވަނަ އަހަރު ރާއްޖެ އދ. ގެ މެމްބަރަކަށް ވުމުށް ތާއީދުކޮށް ޗައިނާއިން އދ. ގައި ވާހަކަ ދައްކާފައިވާ ކަން ވެސް ޝަމީމް ފާހަގަކުރެއްވި އެވެ. ރާއްޖެ އދ.ގެ މެމްބަރަކަށް ވުމުގައި ޗައިނާގެ ދައުރެއް އޮތްކަން ފާހަގަކުރައްވައި އޭނާ ވަނީ ޗައިނާއަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
ބަނޑޮހުގައި ބޭއްވި "މައި ސްޓޯރީ ވިތު ޗައިނާ" އިވެންޓަކީ ދެގައުމުގެ ގުޅުން ބަދަހިކޮށް ތަޖުރިބާތައް ބަދަލުކުރަން ބޭއްވި އިވެންޓެކެވެ. އެ އިވެންޓުގައި އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ދިވެހިން ވަނީ އެމީހުންނަށް ޗައިނާގައި ކުރެވުނު ތަޖުރިބާތައް ހިއްސާކޮށްފައެވެ.