އައްޑޫ ސިޓީ ހިތަދޫ މަގަކުން ދުއްވާފައި ދިޔަ ސައިކަލެއް، ލޯޑަރެއްގެ ދަށުވެ ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.
އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ، ހިތަދޫގެ ވެލި މަގެއް ލެވެލް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ލޯޑަރެއް ފަހަތަށް ދުއްވާފައި ދިޔަ ވަގުތު ސައިކަލު ދަށުވެގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސައިކަލް ދުއްވަން އިން އަންހެން މީހާ ވަނީ ލޯޑަރު ފަހަތަށް އަންނަން ފެށުމުން ސައިކަލް ދޫކޮށްލުމަށް ފަހު އެހިސާބުގައި ހުރި ގެއެއްގެ ތެރެއަށް ވަދެފައެވެ.
މި ހާދިސާގައި އޭނާއަށް އެއްވެސް އަނިޔާއެއް ނުވެއެވެ. ނަމަވެސް ސައިކަލަށް ވަރަށް ބޮޑަށް ވަނީ ގެއްލުން ވެފައެވެ.