މާލެ އިން ހުޅުލެއަށް ދަތުރުކުރި ފެރީ ދޯންޏެއް ހުޅެލޭގެ އަލަށް ކަނޑާފައިވާ ނެރުގެ ފައިކައްޓަށް އަރައިފިއެވެ.
އެމްއެންޑީއެފުން ބުނީ ނެރު ފައިކައްޓަށް އަރާފައި ވަނީ "ރަންދެލި" ނަމަކަށް ކިޔާ ދޯންޏެއް ކަމަށާއި މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައި ވަނީ ހުކުރު ދުވަހުގެ ރޭ ފަތިހު 4:55 ހައިރު ކަމަށެވެ.
މިހާދިސާ ހިނގިއިރު ދޯނީގައި ތިން ފަޅުވެރިންނާއި ތިން ފަސިންޖަރުން ދަތުރުކުރި ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މިހާދިސާގައި ދޯނީގެ ދިރުނބާކޮޅުން ތަންގަނޑެއް ނެއްޓި ދޯންޏަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.
އަދި މި ދޯނި ވަނީ ހުޅުލޭ ފަޅުތެރެއަށް ވެއްދި ފަހުން ފަޅުތެރެއަށް އަޑިއަށް ގޮސްފައި ކަމަށާއި ދޯނި ފެންމަތި ކުރުމުގައި އެމްއެންޑީއެފްގެ ސީޖީ ޑައިވަރުން މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.