މިއަދުގެ ނިޔަލަށް އެއް ލައްކައެއްހާ ރީރަޖިސްޓްރޭޝަންސް ފޯމު އިލެކްޝަންސް ކޮމިޝަނަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ޓްރެއިނަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފެއްޓުމަށް އިލެކްޝަންސްގެ އިންތިހާބީ މަރުކަޒު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ހުކުރު ދުވަހުގެ ރޭގެ ނިޔަލަށް 86,000 (އަށްޑިހަ ހަހާސް) ފޯމު އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ މިއަދު އޮފީސް ބަންދުވާންވާއިރަށް ލައްކައަކާ ގާތްކުރާ އަދަދަކަށް ރީރަޖިސްޓްރޭޝަން ފޯމު އަންނާނެ ކަމަށް، ލައްކައަކާ ގާތް ނުކުރިޔަސް ނުވަދިހަ ފަސްހާސް ވަރު އަންނާނެ ކަމަށް އުއްމީދުކުރެވޭ. އޭގެ މާނައަކީ ވޯޓްލާ އާބާދީގެ 34 ނުވަތަ 35 ޕަސެންޓް ބޭފުޅުންނަކީ މިފަހަރު ވޯޓުލުމަށް ރީރަޖިސްޓްރީ ކުރައްވާނެ ބޭފުޅުންނޭ،" ޝަރީފް ވިދާޅުވިއެވެ.
ވޯޓުލާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލާން އެދޭ ނަމަ ރީ-ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހޭ މުއްދަތު ފުރަތަމަ އޮތީ ހޮނިހިރު ދުވަހުގެ ރޭ (މިރޭ) 9:00 އަކަށް ހަމަވާ ގޮތަށެވެ. ނަމަވެސް އެ ކޮމިޝަނުން ވަނީ ހޮނިހިރު ދުވަހުގެ ރޭ 12:00 ވަންދެން ފޯމް ހުށަހެޅޭ ގޮތަށް ވަގުތު އިތުރުކޮށްފައެވެ.
ލައްކައެއްހާ ފޯމު ލިބޭނެ ކަމަށް ޝަރީފް ވިދާޅުވި އިރު، ރީ ރަޖިސްޓަރ ކުރަން ފޯމް ހުށަހެޅުމުން ވެސް ރީ ރަޖިސްޓަރ ނުވާ ކަމަށް ބުނެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ކޮމިޝަނަށް ވަކިވަކި ފަރުދުން ގެންނަ ފޯމްތައް ވަގުތުން ބަލައިގަނެ ޕްރޮސެސްކޮށްދީފައިވާނެ ކަމަށެވެ. ނަމަވެސް ގަނޑުކޮށް ގެންނަ ގިނަ އަދަދެއްގެ ރީ ރަޖިސްޓްރޭޝަން ފޯމް ޕްރޮސެސް ކުރުމުގައި ވަގުތު ނަގާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ޝަރީފް ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބަކީ ޤަބޫލުކުރަން ދަތި އިންތިޚާބެއްކަން ރައްޔިތުންނަށް ހާމަކޮށްދިނުމަށްޓަކައި ބަޔަކު މަސައްކަތްކުރާކަން ހިތާމައާ އެކު ފާހަގަ ކުރައްވާ ކަމަށެވެ. އަދި ރީރަޖިސްޓްރޭޝަނާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ދެކެވޭ "ހުސްދޮގު" ވާހަކަ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
"ދާދި ފަހުން ސޯޝަލް މީޑީއާ ތެރޭގައި ވަރަށް ގަދަޔަށް ދެކެވުނު ވާހަކައެއް ކޮމިޝަނުގެ ފަސް މެންބަރުން އިސްތިއުފާ ދޭށޭ އުޅެނީ، އެއްވެސް ޙަގީގަތެއް ނެތް ވާހަކައެއް،
ރިޔާސީ އިންތިޚާބުގައި ރީ-ރަޖިސްޓަރީ ކުރުމުގެ މުއްދަތު މިރޭ ހަމަވާއިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ރައީސް ޔާމީންގެ އިތުރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިޙް (ޢިބޫ) އެވެ.