މާލޭގެ މަލަމަތިން ފެންނަނީ ތަރައްގީ ނޫން ކަމަށާއި، ފެންނަނީ ކޮރަޕްޝަންގެ ވަބާ ފެތުރިފައިވާ މިންވަރު ކަމަށް އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މުގައްރިރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެރޭ ޅ. ކުރެންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްވަމުން ޝިދާތާ ވިދާޅުވީ މިސަރުކާރުން ތަރައްގީގެ ނަމުގައި ބިނާކުރާ އުސް އިމާރާތްތަކުން ފެންނަނީ ރައްޔިތުންނަށް އޮޅުވާލައި ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރިވެފައިވާ މިންވަރު ކަމަށެވެ. ޝިދާތާ ވިދާޅުވީ އެމައްޗަށް އަރާ ކޮންމެ އިމާރާތަކާ އެކީގައި މިގައުމުގެ ދަރިންނާއި ދަރިންގެ ދަރިން ވިއްކާލާ ކަމަށެވެ. އަދި މުޅި ގައުމު ދަރަނަވެރިކޮށް ރައުސުލްމާލު ހުސްކޮށްލާ ކަމަށް ޝިދާތާ ވިދާޅުވިއެވެ.
ޝިދާތާ ވިދާޅުވީ ތަރައްގީގެ ނަމުގައި ރާއްޖޭގެ ޖަޒީރާވަންތަކަން ގެއްލުވާލާފައިވާ ކަމަށާއި، އެއްތަނަކަށް އައުމަށް އާންމުންނަށް މަޖުބޫރު ކުރުވައި މާލެ ސިޓީއަށް މީހުންތައް ތޮއްޖައްސާފައިވާ ކަމަށެވެ.
"މިކަން މިހިންގަނީ ރައްޔިތުންނަށް ހެޔޮ އެދިގެން ރައްޔިތުންނަށް ކުރިއެރުން ހޯދަދޭކަށް ނޫން. އަޅުގަނޑުމެންނަށް ފެނިއްޖެ އެތައް އެތައް ޕްރޮޖެކްޓްތަކެއް އެތައް އެތައް މަޝްރޫއުތަކެއް ރައްޔިތުންގެ ފައިސާއިން މަދު ބައެއްގެ ޖީބަށް ގޮސް ހުސްވާ މަންޒަރު. ބައިތުލްމާލް ހަމައެއްކޮށް ހުސްވާ މަންޒަރު އެހެންވީމަ މިމަންޒަރު ބަލާކަށް އަޅުގަނޑުމެން ނުތިބޭނަން،" ޝިދާތާ ވިދާޅުވިއެވެ.
ޝިދާތާ ވިދާޅުވީ ރައްޔިތުންނަށް އަނިޔާކޮށް ވައްކަން ކުރާ މީހަކަށް އެރައްޔިތުން ވޯޓު ނުދޭނެ ކަމަށާއި، ރައްޔިތުން ވޯޓުދެނީ އެރައްޔިތު މީހާއަށް އޯގާތެރިކަމާ އެކު މަސައްކަތްކޮށްދޭނެ ކެންޑިޑޭޓަކަށް ކަމަށެވެ.
ޝިދާތާ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި ގައުމުތަރައްގީކޮށް ކުރިއަރުވަނީ ދުރުރާސްތާ ވިސްނުމެއްގެ ތެރެއިން ކަމަށާއި، އިސްލާމް ދީނަށް ފުށޫއެރުމެއް ނެތި ކަމަށެވެ. ދީނަށް ވެސް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރާއިރު މިގައުމުން ކޮރަޕްޝަނާއި ފަސާދަ ފުހެލުމަށް ޚާއްސަ މަސައްކަތް ކުރާނެ ކަމަށް އޭނަ ވިދާޅުވިއެވެ.