އަށްހާހަށް ވުރެ ގިނަ ވަގު ޑޮލަރު ތަކަކާއެކު އަވައްޓެރި ސްރީލަންކާއިން ދިވެއްސެއް ހައްޔަރު ކޮށްފިއެވެ.
އެމީހާ ހައްޔަރު ކޮށްފައިވަނީ ހުކުރު ދުވަހުގެ ހެނދުނު ލަންކާގެ ބަންޑާރަނައިކް އިންޓަނޭޝަނަލް އެއާޕޯޓުން އެގައުމުގެ ޕޮލިސް ނާކޮޓިސް ބިއުރޯއިންކަމަށް ލަންކާގެ ނޫސްތަކުގައިވެއެވެ.
ވަގު ޑޮލަރާއެކު ހައްޔަރު ކޮށްފައިވަނީ 49 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ލަންކާއަށް ދަތުރު ކޮށްފައިވަނީ ހުކުރު ދުވަހުގެ ފަތިހު 5:35 ގައި ކަމަށާއި ވަގު ޑޮލަރުތައް ފެނިފައިވަނީ އެމީހާގެ ޖީބުންކަމަށް ވެސް ނޫސްތަކުގައި ވަނީ ބުނެފައެވެ.
އެގައުމުގެ ފުލުހުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ އަތުލައިގެންފައިވަނީ 169 ނޫޓުކަމަށާއި އެއީ 8450 ޑޮލަރުކަމަށެވެ. އެއީ ލަންކާ ރުޕީސްއިން ކަމަށްވާނަމަ ގާތްގަނޑަކަށް 1،368،900 ރުޕީސްއެވެ.