ރައްޔިތުން ކައިރިއަށް ވޯޓު ހޯދަންދާން ނުކުރޭ މީހަކަށް ވެރިކަން ހަވާލުކުރަން ދިވެހިން ބޭނުންނުވާ ކަމަށް އެމްޑީޕީގެ ޗެއާޕަރސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެރޭ ޅ.ކުރެންދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކެންޑިޑެސީ ފޯމް ހުށަހަޅަން ދާން ނުކެރެނުތާގައި ވޯޓު ހޯދުމަށް ރައްޔިތުން ކައިރިއަށް ގޭގެއަށްދާން ވެސް ނުކުރޭ ކަމަށެވެ. އަދި ރައްޔިތުން ކައިރިއަށް ވޯޓު ހޯދަންދާން ނުކުރޭ މީހަކަށް އެރައްޔިތުން ވޯޓު ނުދޭނެ ކަމަށާއި، އެކަން މީގެ ކުރިން ވެސް ރައްޔިތުން ސާބިތުކޮށްދީފައިވާ ކަމަށެވެ.
އަލީ ނިޔާޒު ވިދާޅުވީ ޖުލައި 26 ވަނަ ދުވަހު ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރަނިންގމޭޓް ފައިސަލް ނަސީމް ކެންޑިޑެސީ ފޯމް ހުށަހެޅުމަށްފަހު އާހިތްވަރަކާއެކު ސިޔާސީ ކެމްޕޭންގެ ގިނަ ހަރަކާތްތައް ކުރިގެންދާ ކަމަށެވެ. އަދި ވިދާޅުވީ މިދެބޭފުޅުން އިސްވެ ތިއްބަވާ ދިވެހި ރައްޔިތުންގެ ހާލު ބެއްލެވުމަށް ގިނަ ދަތުރުތަކެއް ވެސް ކުރައްވާފައިވާ ކަމަށެވެ. އެގޮތުން މިއަދާ ހަމަ އަށް ރާއްޖޭގެ 63 ރަށަކަށް ޒިޔާރަތްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ހަމައެހެންމެ ވޯޓު ދިނުމަށް ހައްގު ލިބިފައިވާ ދެލައްކަ ފަސްދޮޅަސްތިންހާސް މީހުންވާއިރުގައި އަޅުގަނޑުމެން މިކެމްޕޭންގެ ހަރަކާތުގެ ތެރެއިން އެއްލައްކަސޯޅަހާސް މީހުންނަށްވަނީ ރީޗް ވެވިފައި. އަދި މިވީ ދެހަފްތާ. ބާކީ އޮތީ 44 ދުވަސް. އިރާދަކުއްރެއްވިއްޔާ ފައިސަލް ނަސީމު، އިބްރާހިމް މުހައްމަދު ސޯލިހު ގުޅިގެން އިރާދަކުރެއްވިޔާ 23 ސެޕްޓެމްބަރުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް އެބޭފުޅުން ޒިޔާރަތް ކުރައްވާނެ" އަލީ ނިޔާޒު ވިދާޅުވިއެވެ.
އިންޑިއާ، މެލޭޝިއާ، އަދި ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި އިބޫ އާއި ފައިސަލް ބައްދަލުކުރައްވާނެކަން ފާހަގަކުރައްވައި އަލީ ނިޔާޒު ވިދާޅުވީ 23 ސެޕްޓެމްބަރާއި ހަމައަށްދާނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ބައްދަލުކޮށް އެމީހުންގެ ވިންދާ އެމީހުންގެ ޝުއޫރު އެނގިތިބެގެން ކަމަށެވެ.
އަލީ ނިޔާޒު ވިދާޅުވީ ރައީސް ޔާމިންގެ އަނިޔާވެރިކަން ނިންމުމަށް މަސައްކަތް ކުރާތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި، 2015 ވަނަ އަހަރުފެށި މަސައްކަތް ކާމިޔާބުވާނެ ކަމާމެދު ޝައްކުނުކުރާ ކަމަށެވެ. ނަމަވެސް ރައީސް ޔާމިންއަކީ މަކަރުވެރި ހީލަތްތެރި ބޭފުޅަކަށްވާތީ އެކަމަށް ޚާއްސަ ސަމާލުކަމެއްދީގެން ރައްޔިތުން މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.