ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒިފުންގެ ވަޒީފާ ގެއްލިގެންދާނެ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައްދުދެއްވައިފި އެވެ.
ބ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުފުޅެއްގައި އިބޫ ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ސަރުކާރު ކުންފުނިތަކުން ހިންގާ އިލެކްޓްރޯނިކް ވިޔަފާރިތަކާއި އެނޫން ވިޔަފާރިތަކަށް އަމިއްލަ ކުންފުނިތައް ވަނުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އިބޫ އެގޮތަށް ވިދާޅުވުމާއެކު ރައީސް އަބްދުﷲ ޔާމީނާއި، ސަރުކާރުގެ އިސްވެރިން ގެންދަވަނީ އެކަމާއި ގުޅޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ސަރުކާރު ކުންފުނިތައް އުވާލުމުން، އެތައް ބައެއްގެ ވަޒީފާ ގެއްލިގެންދާނެކަމަށް އެބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ރައީސް ޔާމީނާއި، ސަރުކާރުގެ އިސްވެރިންގެ ވާހަކަފުޅުތަކަށް ރައްދުދެއްވައި ރާއްޖެޓީވީގެ "އިބޫ" ޕްރޮގްރާމްގައި އެ މަނިކުފާނު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ސިޔާސަތަކީ ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން ޕްރައިވެޓް ސެކްޓަރ އާއި ވާދަނުކުރުން ކަމަށެވެ. އަދި ރާއްޖޭގައި ހުރި، ސަރުކާރު ބޮޑެތި ކުންފުނިތަކަކީ ސަރަހައްދީ ފެންވަރުގައިވެސް ޤާބިލް، ބޮޑެތި ކުންފުނިތަކެއް ކަމަށް އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ދައްކަނީ ބޮޑެތި މަސައްކަތްތައް އެބަހުއްޓޭ، ސަރުކާރުގެ ބޮޑެތި ކުންފުނިތަކަށް ކުރެވޭނެ. މިސާލަކަށް އެސްޓީއޯ ކަމަށްވިޔަސް، އެމްޓީސީސީކަމަށް ވިޔަސް އަދިވެސް އެ ހަދާފައި ހުރި ކުންފުނިތަކަށް. އަދި އޭގެތެރެއިން ބައެއް ކުންފުނިތަކަކީ މި ރީޖަންގައިވެސް ކުންފުނިތަކާއި ވާދަކުރެވޭ ފެންވަރުގެ މަސައްކަތްތެއި އަދި ހުނަރު ހުރި ޤާބިލް ބޭފުޅުން ތިބި ކުންފުނިތައް"
ރާއްޖޭގައި ހުރި ބޮޑެތި ކުންފުނިތަކަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެކަން ފާހަގަކޮށް، އިބޫ ވަނީ ބައެއް މިސާލުތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން ސައިފަތް ދަނޑުތައް ހެއްދިދާނެކަމަށާއި، ނަމަވެސް ސައިފަތް ދަނޑު ބޮޑު އަގުގައި ގަނެފައި، އެ ކުޑަ އަގުގައި ވިއްކާ ކަމުގައިވާނަމަ ފައިދާއެއް ނުވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ތެޔޮވެސް ވިއްކިދާނެކަމަށް އިބޫ ވިދާޅުވި އެވެ. ނަމަވެސް ބަރުމާއަށް ވަގަށް އެކަން ކުރާކަމަށްވަންޏާ އެކަމުން ފައިދާއެއް ނުވާނެ ކަމަށް އިބޫ ވިިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކޮންޓްރކްޝަން ކުންފުނިތަކަކީވެސް ސަރަހައްދީ ގޮތުން ފާހަގަކޮށްލެވޭ ފަދަ ކުންފުނިތަކެއް ކަމަށެވެ. އެހެންކަމުން ސަރުކާރުން ހިންގާ ބޮޑެތި ވިޔަފާރި ކުންފުނިތައް ވާދަކުރަންޖެހޭނީ ކުދި ވިޔަފާރިތަކާއިކަމަށް ގަބޫލުނުކުރައްވާކަމަށް އިބޫ ވިދާޅުވި އެވެ. އަދި އެ ކުންފުނިތަކަކީ ކުދިި ވިޔަފާރިތަކާއި ވާދަކުރުމަށްވުރެ މާ ބޮޑެތި، ބިޔަ ޕްރޮޖެކްޓްތައް ހިންގުމުގެ ޤާބިލްކަން ހުރި ކުންފުނިތައްކަން އިބޫ ފާހަގަކުރެއްވި އެވެ.
ސަރުކާރު ކޮންމެ ކުންފުންޏެއްގައި މަސައްކަތްކުރާ މުވައްޒިފަށްވެސް ވަޒީފާގެ ރައްކާތެރިކަންދޭނެކަން ފާހަގަކޮށް އިބޫ ވިދާޅުވީ އެއްވެސް މުވައްޒިފަކު ވަޒީފާއިން ވަކިކުރުމަކީ ސިޔާސަތު ނޫން ކަމަށެވެ. އަދި ވިދާޅުވީ ހަމައެކަނި ގެންނާނެ ބަދަލަކީ ސަރުކާރު ކުންފުނިތައް މަސައްކަތްކުރާ އުސޫލަށް ގެންނަ ބަދަލެއް ކަމަށެވެ.
"މި ދައްކަނީ ބޭރަށް ތެޔޮ ވިއްކަން ޖެހިއްޖެ ނަމަ ތެޔޮވެސް ވިއްކާ ވާހަކަ. ސައިފަތް ހައްދަންޖެހިއްޖެއްޔާ ސައިިފަތްވެސް ހައްދާ ވާހަކަ. ބޯޓް ފަހަރު ދުއްވަންޖެހިއްޖެނަމަ އެކަންވެސް ކުރުމުގެ ޤާބިލްކަން ހުރި ވާހަކަ. މިއީ އަޅުގަނޑުމެއް މި ދައްކާ ސިޔާސަތުގައި އޮންނާނެ ގޮޮތަކީ."