ސަރުކާރުން ހިންގާ އަނިޔާވެރިކަމާއި ކޮރަޕްޝަންގެ އަމަލުތަކާ މެދު ހިތްހަމަނުޖެހިގެން ޑިފެންސް މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުން އިސްތިއުފާ ދެއްވި މުހައްމަދު މުޝްރިފް އަދާލަތު ޕާޓީއާ ގުޅިވަޑައިގެންފިއެވެ.
ހުކުރު ދުވަހުގެ ރޭ އަދާލަތު ޕާޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ތައުލީމީ ޒުވާނުން އެޕާޓީއާ ގުޅުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، މިއީ ޕާޓީއަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. އަލީ ޒާހިރު ވިދާޅުވީ އަދާލަތު ޕާޓީއަކީ ރައްޔިތުންގެ ޕާޓީއެއް ކަމަށާއި، އެމީހެއްގެ މަސައްކަތުން ކުރިއަރާ ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެއްވެސް މީހެއްގެ ޒަމީރު ގަބޫލުނުކުރާ ގޮތަށް މަސައްކަތް ކުރުމަށް ޕާޓީން މަޖުބޫރު ނުކުރާނެ ކަމަށާއި، ހުރިހާ ވެސް މަސައްކަތްތައް ކުރިއަށް ގެންދާނީ މަޝްވަރާކޮށް އެންމެންގެ ހިޔާލާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.
"ހުރިހާ ފަރާތްތަކަށް ގޮވާލަން އަދާލަތު ޕާޓީއާ ގުޅުމަށް. މިހާރު ވެސް މިޕާޓީގައި އެކިދާއިރާތަކުން މަތީ ތައުލީމު ހާސިލްކުރާ ޒުވާނުން އިސް މަގާމުތަކުގައި އަންނަނީ މަސައްކަތް ކުރަމުން. އަދާލަތު ޕާޓީއަކީ ވަކި ބަޔަކަށް ޚާއްސަ ޕާޓީއެއް ނޫން." އަލީ ޒާހިރު ވިދާޅުވިއެވެ.
އަދާލަތު ޕާޓީއާ ގުޅިވަޑައިގެންނެވި މުޝްރިފް ވިދާޅުވީ ޑިފެންސް މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުގައި އިސްތިއުފާ ދެއްވީ މި ސަރުކާރުގެ އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ފަސާދައިން މިގައުމު ސަލާމަތް ކުރުމަށްޓަކައި މަސައްކަތް ކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން މިއަދާ ހަމައަށް ގައުމުގެ މިސްރާބު އަބުރާލުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށް އޭނަ ވިދާޅުވިއެވެ.
"މިހާރު މިކުރެވެނީ އަސްލު ސިޔާސީ މަސައްކަތެއް ނޫން. މިއީ ގައުމީ މަސައްކަތެއް. ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރި ކެމްޕޭން މިކުރަނީ މިއަނިޔާވެރިކަން ނިންމުމަށް" މުޝްރިފް ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ ސިޔާސަތަކީ އިސްލާމްދީނުގެ ރީތި އުސޫލުތައް ރާއްޖޭގައި ދެމެހެއްޓުމަށް އެކުލަވާލާފައިވާ ސިޔާސަތެއްކަން ފާހަގަކުރައްވައި މުޝްރިފް ވިދާޅުވީ އަދާލަތު ޕާޓީއަކީ މުޖުތަމައުގެ ހަމަޖެހުމާއި އެއްބައިވަންތަކަން އިސްކޮށް މިހާތަނަށް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރި އެއްޕާޓީ ކަމަށާއި، އެކަން ދިވެހި ރައްޔިތުންނަށް ސާބިތުކޮށްދީފައިވާ ކަމަށެވެ.
އަދާލަތު ޕާޓީން މިއަހަރުގެ ރިޔާސީ އިންތިޚާބަށް ހުށަހަޅާފައިވާ މެނިފެސްޓޯއަކީ ފާހަގަކޮށްލެވޭ މެނިފެސްޓޯއެއް ކަމަށާއި، މިމެނިފެސްޓޯގައި ޖަޒީރާ ރާއްޖެއަށް ބޭނުންވާ ހުރިހާ ކަމެއް ހުށަހަޅާ ކަމަށް މުޝްރިފް ވިދާޅުވިއެވެ.