މީގެ ކުރިން ދުވަހަކުވެސް ހެޔޮ ބަދަލެއް ގެނައުމަށް ދިވެހިން ބޭނުންނުވާ މިންވަރަށް މިއަދު ބަދަލެއް ގެނައުމަށް ދިވެހިން ބޭނުންވާ ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް, އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންގ މޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ހަވީރު ޅ.ހިންނަވަރަށް ވަޑައިގެން އެރަށުގައި ތިބި އިދިކޮޅު ކޯލިޝަނަށް ސަޕޯޓުކުރާ ފަރާތްތަކާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ފައިސަލް ވިދާޅުވީ ދިވެހިން ބަދަލެއް ގެނައުމަށް ބޭނުންވެފައިވާ ސަބަބުތައް ވަރަށް ގިނަ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ރައްޔިތުން ބޭނުންވާ އުފާވެރި ދުވަސްތަކެއް ގެނެސްދިނުމަށް މަސައްކަތްކުރާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"އިންސާފު ގާއިމުކޮށްދޭނަން. ޝަރުއީ ދާއިރާގެ ތެރެއަށް މިނިވަން މުވައްސަސާތަކުގެ ތެރެއަށް އަތްބާނައިގެން އެކަންތައްތަކާ ބެހި ގައުމުގައި އަޅުގަނޑުމެން ކުރަންހުރި މުހިންމު ކަންކަން ދޫކޮށްލާފައި އަޅުގަނޑުމެން ނުދާނަމޭ،" ފައިސަލް ވިދާޅުވި އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުން ވެގެންދާނީ އެ ބޭފުޅުންގެ ސަރުކާރެއްގައި އެންމެ ބޮޑަށް އަޅާލާ އޯގާތެރިކަންދޭ ބަޔަކަށް ކަމަށްވެސް ފައިސަލް ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑު ތިޔަ ބޭފުޅުންނަށް ވައުދުވަނީ، އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް، އަދި އަޅުގަނޑުމެންގެ ސަރުކާރު ހިންގަން ތިބޭ ބަޔަކު ލޯލާރި ފޮތްޗެއްގައިވެސް ނުޖެހޭނަމޭ، އެންމެ ދިވެހި ރުފިޔާއެއްގައިވެސް، އެންމެ ޑޮލަރެއްގައިވެސް ނުޖެހޭނަމޭ،" ފައިސަލް ވިދާޅުވި އެވެ.
ހިންނަވަރުން ފައިސަލަށް މަރުހަބާ ކިޔުމަށް ގިނަ އަދަދެއްގެ މީހުން ނިކުމެ ތިއްބެވެ. ފައިސަލް ވިދާޅުވީ ދިވެހި ރައްޔިތުން ބަދަލަކަށް އެދޭ މިންވަރު ހިންނަވަރުން ސާބިތު ކޮށްދީފި ކަމަށެވެ. އަދި ހިންނަވަރަށް ނިސްބަތްވެވަޑައިގަންނަވާ އިބޫ އާ ބެހޭ ގޮތުން ފައިސަލް ވިދާޅުވީ އެންމެ ބޮޑަށް އުފާކުރައްވަނީ ހެޔޮލަފާ ބޭފުޅަކާ އެކު ހިދުމަތްކުރުމުގެ ނަސީބު ލިބިގެންދާތީ ކަމަށެވެ.