ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން ގާނޫނު އަސާސީއާއި ހިލާފަށް އެެއްވެސް ކަމެއް ކޮށްފައި އޮތްނަމަ އެކަމެއް ތަހުގީގުކޮށް ގާނޫނުތަކުގެ ތެރެއިން ފިޔަވަޅު އަޅާނެކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިންގ މޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ބްރޯޑްކޮމްއިން ރާއްޖެޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއި ގުޅިގެން ހުޅިވި "އަބުރުފުޅު ފަންޑް"، ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ޅ. ހިންނަވަރުގައި އިފްތިތާހު ކޮށްދެއްވަމުން ފައިސަލް ވަނީ ދިވެހިރާއްޖޭގެ މީޑިއާތަކުން އަދި ހާއްސަކޮށް ރާއްްޖެޓީވީއިން ވެސް ސައްހަ މައުލޫމާތު، ތެދު ހަބަރު ފެތުރުމަށްޓަކައި ރެޔާއި ދުވާލު މަސައްކަތް ކުރާ ކަމަށް ވިދާޅުވެފައެވެ. ހަމައެހެންމެ ނުހައްގުން މިގޮތަށް ކުރާ ޖޫރިމަނާތަކާއި މިގޮތަށް ދޭ އަދަބުތައް ބަލާ ތަހުގީގުކޮށް އެކަންތައް ކުރި ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
"އަޅުގަނޑު މި ފުރުސަތުގައި ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ސަރުކާރެއްގައި ގާނޫނު އަޅުގަނޑުމެން ނަގަހައްޓާނަން. ގާނޫނު އަޅުގަނޑުމެން ތަންފީޒު ކުރާނަން. ނުހައްގުން މިގޮތަށް ކުރާ ޖޫރިމަނާތަކާއި މިގޮތަށް ދޭ އަދަބު އަޅުގަނޑުމެން ބަލާ ތަހުގީގުކޮށް އެކަންތައް ކުރި ފަރާތްތަކާއި މެދު އަޅުގަނޑުމެން ފިޔަވަޅު އަޅާނަން. ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންނަށް އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ ގާނޫނާއި އެއްގޮތަށް ތިބޭފުޅުން ކަންތައްތަށް ކުރައްވާށޭ. ތިބޭފުޅުން ވެސް ގާނޫނާއި ހިލާފަށް އެެއްވެސް ކަމެއް ކޮށްފައި އޮތް ނަމަ އަޅުގަނޑުމެންގެ ސަރުކާރަކުން ގާނޫނާއި އެއްގޮތަށް އެކަންތައްތަށް ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އެންމެ ތަންފުކެއް ވެސް ފަހަތަކަށް ނުޖެހޭނަމޭ،" ހިންނަވަރުގައި އަބުރުފުޅު ފަންޑް އިފްތިތާހު ކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވިއެވެ.
ހަމައެހެންމެ ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް ފުޅާ ދާއިރާއެއްގައި މައުލޫމާތު ފެތުރުމުގެ ދޮރުތައް ހުޅުވުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.