ފަތުރުވެރިކަމުގެ ދާއިރާއަށް ޒުވާނުން އިތުރުކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ޓްރެއިނިން ސެންޓަރުތައް ގާއިމު ކޮށްދެއްވާނެ ކަމަށް ގުޅިފައިވާ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހު ޅ.އޮޅުވެލިފުއްޓަށް ވަޑައިގެން އިދިކޮޅު ކޯލިޝަނަށް ތާއިދުކުރާ ފަރާތްތަކާ ބައްދަލު ކުރައްވާ ފައިސަލް ވިދާޅުވީ ދިވެހި ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ފަހި ފުރުސަތުތައް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"ދިވެހި ޒުވާނުން އިތުރަށް ފައްކާކުރުމަށްޓަކައި ގިނަ ސަރަހައްދުތަކެއްގައި އަޅުގަނޑުމެން ފަތުރުވެރިކަމަށް ތައްޔާރުވުމަށްޓަކައި ޓްރޭނިން ސެންޓަރުތަކެއް ހުޅުވާނަން،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އެކަން ކުރެވޭނެ ގާބިލު ބޭފުޅުން އިދިކޮޅު ކޯލިޝަނުގައި އެބަތިބި ކަމަށެވެ. ދިވެހި ޒުވާނުންނަށް ބޭރު މީހުން އަދާކުރަމުންދާ ގިނަ ވަޒީފާތައް ލިބިދިނުމަށް ކުރަން ޖެހޭ މަސައްކަތް ކޮށް ހައްގު މަގާމު ހޯދާދެއްވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
އަދިއެހެންމެ ފައިސަލް ވިދާޅުވީ ވައުދުވުމަށްފަހު އެ ވައުދު ފުއްދުމަށްޓަކައި ރެއާދުވާލު މަސައްކަތް ކުރައްވާނެ ކަމަށެވެ. ފައިސަލް ވަނީ މިހާރު ސަރުކާރުން ރިސޯޓްތަކުގެ ހިއްސާ ޒުވާނުންނަށް ދޭނެ ކަމަށް ބުނުމަށްފަހު އެ ވައުދު ނުފުއްދާ އެހެން ވައުދުތަކެއް ވާ ކަމަށް ފާހަގަ ކުރައްވާ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.
"ހިއްސާ ދޭނެ ކަމަށް ބުނެ އެ ވައުދު ނުފުއްދާ އަނެއްކާވެސް މި އަޑު އިވެނީ ކޮންމެވެސް ސްކީމެއް ދޭނެ ކަމަށް ބުނާއަޑު. އެހެން ނަމަވެސް އަޅުގަނޑު ދިވެހި ޒުވާނުންނަށް، އޮޅުވެލިފުށީގެ ޒުވާނުންނަށް ވެސް މިއަދު ބުނެލަން ބޭނުންވަނީ، އެއްފަހަރު ދޮގުހަދައިފި މީހާ ދެވަނަ ފަހަރަށް ދޮގު ހަދާނެ އޭ. އެންމެ އިސް ވާޖިބަކަށްވަނީ ތެދުވެރިކަމާއެކު ވާހަކަ ދެއްކުން. ދިވެހި ރައްޔިތުންނާ ކުރިމަތިލާ ކިތަންމެ ބޮޑު ކަމެއްގެ މެދުވެރިވި ނަމަވެސް ދޮގުހަދާ އޮޅުވާ ވާހަކަ ދައްކާހަދާ މީހުން ބަލައިނުގަތުމަށް އަޅުގަނޑު ވަރަށް ނަސޭހަތްތެރިކަމާއެކު ދަންނަވަން،" ފައިސަލް ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ފައިސަލް ވަނީ އިސްރާފުވާ ގޮތަށް ޕްރޮޖެކްޓަތައް ނުހިންގާނެ ކަމަށް ވެވަޑައިގަންނަވާ ވައުދު ތަކުރާރުކުރައްވާފަ އެވެ. އަދި އެ ބޭފުޅުން ވިސްނާނީ ސަރުކާރުން ހިންގަން އެންމެ ކައިރީގައި ތިބި މީހުންނަށް އެންމެ ފައިދާވާ ގޮތަށް ނޫން ކަމަށާއި ބަލާނީ ރައްޔިތުންގެ މަސްލަހަތައް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކަންކަން ކުރާނީ ގައުމުގެ ސައިޒުން ދުރު ރާސްތާ ޕްލޭނަކާއެކު. އެވަގުތަކަށް ބޭނުންވާ ވަރަށް އިސްރާފު ނުކޮށްވޭތޯ،" ފައިސަލް ވިދާޅުވި އެވެ.