ކިތަންމެ ހުރަސްތަކެއް ކުރިމަތިކުރުވިނަމަވެސް، ރާއްޖެޓީވީ ފަހަތަށް ނުޖެއްސޭނެކަމަށާއި، ނޫސްވެރިކަމަށްދެވޭ ކޮންމެ ހަމަލާއަކީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށްދެވޭ ހަމަލާއެއްކަމަށް ގުޅިފައިވާ ޕާތީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "އަބުރުފުޅު ފަންޑް" ހުޅުއްވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ތަކުރާރުކޮށް ރާއްޖެޓީވީ ޖޫރިމަނާކުރަމުންދަނީ ޤާނޫނެއްގައި އަދި ގަވާއިދެއްގައި ވަކި ގޮތަކަށް ލިޔެފައި އޮތުމުން ނޫން ކަމަށެވެ. އަދި ޤާނޫނެއް އަދި ގަވާއިދެއްގެ ތެރެއިން ކޮށްފައިވާ ޖޫރިމަނާއެއްކަމަށްވެސް ދެކިވަޑައިނުގަންނަވާކަމަށް އިބޫ ވިދާޅުވި އެވެ.
ރާއްޖެޓީވީއަކީ ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާއެކު މައުލޫމާތުތަައް ރައްޔިތުންނަށް ފޯރުކޮށްދޭ ޗެނަލެއްކަން ފާހަގަކޮށް އިބޫ ވިދާޅުވީ މިގޮތަށް ކުރާ ޖޫރިމަނާއަކުން ރާއްޖެޓީވީގެ މުވައްޒިފުންގެ ހިިތްވަރު ބަލިނުކުރެވޭނެކަމަށެވެ. އަދި ހުރިހާ ރައްޔިތުން ތިބީ ރާއްޖެޓީވީއާއި އެކުގައި ކަމަށާއި، 2 މިލިއަން 3 މިލިއަން ނުވަތަ 5 މިލިއަނުން ރާއްޖެޓީވީ ޖޫރިމަނާކުރިނަމަވެސް ރައްޔިތުން ނިކުމެ އެ ބުނާ އަދަދެއް ދައްކާނެކަމަށް އިބޫ ވިދާޅުވި އެވެ.
2008 ވަނަ އަހަރު ފެހި ޤާނޫނު އަސާސީ ގެނައި ވަރަށް ފޮނި އުއްމީދާއެކުގައިކަން ފާހަގަކޮށް އިބޫ ވިދާޅުވީ ހާއްސަކޮށް ޤާނޫނު އަސާސީގެ 2 ވަނަ ބާބު، އަސާސީ ހައްޤުތަކާއި މިނިވަންކަމުގެ ބާބަކީ ޤާނޫނު އަސާސީގައި އޮތް އެންމެ މުހިންމު ބާބު ކަމަށެވެ. އެ ބާބުގައި ހިމެނޭ 27 ވަނަ މާއްދާ އަދި 28 ވަނަ މާއްދާ، ހިޔާލުފާޅުކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްޤަކީ ޑިމޮކްރަސީއެއްގައި ލިބިދޭންޖެހޭނެ އެންމެ މުހިންމު ހައްޤުތައްކަމަށް އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ ހައްޤު ޕްރެކްޓިސްކުރުމުގެ ފުރުސަތު 2008 ވަނަ އަހަރުގެ ޤާނޫނު އަސާސީއާއެކުގައި ލިބިގެންދިޔައީ. އެހެންނަމަވެސް ވެެރިކަމަށް އައި ބަދަލަކާއި ގުޅިގެން، ހުދުމުތާރު އަނިޔާވެރި ވެރިކަމެއް މި ތަނުގައި ޤާއިިމްކުރުމާއި ގުޅިގެން، އެ ހައްޤު ވަނީ ދުވަހެއް ދުވަހަކަށް ހަނިކުރަމުން ފިއްތަމުން ގޮސް، އެ ހައްޤު ވަނީ ބޭނުން ނުކުރެވޭ މިންވަރަށް ގެންގޮސްފައި. ޤާނޫނު އަސާސީގައި އެ ހައްޤުތައް ލިބިދީފައިއޮތްއިރުގައި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ތަނބު." އަބުރުފުޅު ފަންޑް ހުޅުވުމުގެ ރަސްމިއްޔާތުގައި އިބޫ ވިދާޅުވިއެވެ.

ނޫސްވެރިން ތިބެންޖެހޭނީ އަޅުވެތިކަމެއްގެ ތެރޭގައި ނޫންކަން ފާހަގަކޮށް، ހިންނަވަރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އިބޫ ވިދާޅުވީ ނޫސްވެރިން ތިބެންޖެހޭނީ ނުފޫޒެއްގެ ތެރޭގައި ނޫންކަމަށާއި، ނޫސްވެރިން މަސައްކަތްކުރަންޖެހޭނީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެންކަމަށެވެ. އަދި މިނިވަން ނޫސްވެރިކަމަށްދެވޭ ކޮންމެ ހަމަލާއަކީ ޤާނޫނު އަސާސީއަށްދެވޭ ހަމަލާއެއް ކަމަށާއި، އެ ހަމަލާއަކީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށްދެވޭ ހަމަލާއެއްކަމަށް އިބޫ ވިދާޅުވިި އެވެ.
"ބްރޯޑްކާސްޓިން ކޮމިޝަނެއް އުފައްދާ އެތަނަށް ބާރުތަކެއް ދިނީއަކީ، ވަކި ބަޔަކާއި ދިމާކުރާކަށެއް ނޫން. މިނިވަންކަމާއެކު ހުރިިހާ ފަރާތްތަކަށް އެއް ހަމައެއް، އެއް ފުރުސަތެއް ހޯދައިދިނުމަށްޓަކައި. އެހެންނަމަވެސް މިހާތަނަށް ބްރޯޑްކާސްޓިން ކޮމިޝަނުން އަބުރުގެ ޤާނޫނު ބޭނުންކޮށް ޖޫރިމަނާކޮށް ފިޔަވަޅު އަޅަމުންދަނީ ރާއްޖެޓީވީއާއިދޭތެރޭ އެކަނި" އަބުރުފުޅު ފަންޑް ހުޅުއްވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވި ގޮތުގައި ސަރުކާރަށް އުޅެނީ ރާއްޖެޓީވީ ހަމަހަމަކަމާއެކު މައުލޫމާތު ފޯރުކޮށްދޭތީ އެކަން ހަޖަމް ނުކުރެވިގެން ކަމަށެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަން މަސައްކަތްކުރަނީ ވަކި ބަޔެއްގެ ނުފޫޒެއްގެ ތެރޭގައި ކަމަށާއި، ބްރޯޑްކާސްޓިން ކޮމިޝަނަކީ މިހާރުން މިހާރަށް މިނިވަންކުރަންޖެހޭ ތަނެއް ކަމަށް އިބޫ ވިދާޅުވި އެވެ.
ރިޕޯޓާރސް ވިތައުޓް ބޯޑާސްގެ ފްރީޑަމް އިންޑެކްސްގައި ރާއްޖެ ބޮޑުތަނުން ފަހަތަށް ގޮސްފައިވާކަން ފާހަގަކޮށް އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ރާއްޖޭގައި މިނިވަން މީޑިއާގެ ވެއްޓެއް ޤާއިމްކުރައްވާނެ ކަމަށެވެ. އަދި ނޫސްވެރިންނަށް މިނިވަންކަމާއެކު، އެއްވެސް ބިރުވެރިކަމެއް ނެތި މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އެންމެ މުހިންމު އެއް އަމާޒުގޮތުގައި ހައްދަވާނެކަމަށް އިބޫ ވިދާޅުވި އެވެ.
"ކުރިމަތިވާ ހުރަސްތައް ގިރާކޮށް، ކުރިއަށް އޮތްތަނުގައިވެސް ރާއްޖެޓީވީ ދައްކާނީ ނަމޫނާ މަސައްކަތެއް"
ރާއްޖެޓީވީީ 2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރިއިރު، މިއީ ރާއްޖެޓީވީ ޖޫރިމަނާކުރި 4 ވަނަ ފަހަރު އެވެ.