ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ހަތަރުވަނަ ފަހަރަށް ކުރި ޖޫރިމަނާ ދެއްކުމަށް ފައިސާ ހޯދުމުގެ ގޮތުން މާދަމާ އަބުރުފުޅު ފަންޑު ހުޅުވުމަށް ނިންމައިފިއެވެ.
މިފަހަރު މި ސްޓޭޝަން ޖޫރިމަނާ ކުރީ ދެ މިލިއަން ރުފިޔާއިންނެވެ.
މާދަމާ މެންދުރުފަހު 15:45 ގައި އަބުރުފުޅު ފަންޑު ހުޅުއްވައި ދެއްވާނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރާއްޖެޓީވީން ބުނީ، އަބުރުފުޅު ފަންޑު ހުޅުވަނިކީ އެއްގޮތަކަށްވެސް ބްރޯޑްކޮމްއިން ނުހައްގުން އެޅި ފިޔަވަޅަށް ތަބާވުމަށް ނޫންކަމަށެވެ. އެހެންނަމަވެސް މި ސްޓޭޝަނަށް އެކަމުގެ ސަބަބުން ލިބިދާނެ ދެރައަކަށްޓަކައިކަމަށެވެ. އަދި އެހެން އެކަން ވެއްޖެނަމަ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބަލަމުން ދާ ޗެނަލްއަށް ހުއްޓުމެއް އައުމަކީ އެތަށް ރައްޔިތުންނެއް އެކަމާއި ދެރަވެ ކަންބޮޑުވާނެކަމަކަށް ވާތީ ކަމަށްވެސް ޜާއްޖެޓީވީން ބުންޏެވެ.
"އަޅުގަނޑުމެން އެއްގޮތަކަށްެ ވެސް ބްރޯޑްކޮމް އިން ނުހައްގުން، ބޭއިންސާފުން ކުރި ޖޫރިމަނާއަށް ތަބައެއް ނުވަން. އެހެންނަސް ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބަލާ ޗެނަލް މި. ރައްޔިތުން އަޅުގަނޑުމެންނަށް ކުރާ އިތުބާރު ބޮޑު. ރައްޔިތުން ގެ ނުހަނު ލޯބިވޭ އަޅުގަނޑުމެން ދެކެ. އަޅުގަނޑުމެންގެ ނޫސްވެރިން ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ކުރާ ދެތުވެރި މަސައްކަތް ރައްޔިތުން ވަނީ ބައިގެންފަ. އެކަމަށް ހުއްޓުމެއް އަޔަނުދިނުމަށް މި ފަންޑު ފޮށި ހުޅުވަން އަޅުގަނޑުމެންނަށް މަޖުބޫރު" ރާއްޖެޓީވީގެ ސީއީއޯ ހުސެއިން ފިޔާޒް ވިދާޅުވިއެވެ.
ހުކުރުދުވަހު (މާދަމާ) މާލޭގައި އަބުރުފުޅު ފަންޑު ހުޅުވާއިރު، އިދިކޮޅު ކޯލިޝަންގެ ރަނިންގމޭޓް ފައިސަލް ނަސީމު އަތޮޅުތެރޭގެ ފުރަތަމަ ފަންޑުފޮށި ޅ.ހިންނަވަރުގައި ހުޅުއްވައިދެއްވާނެއެވެ. ރާއްޖެޓީވީން ބުނީ، އަތޮޅުތެރެއިން ރާއްޖެޓީވީގެ އަބުރުފުޅު ފަންޑަށް އެހީތެރިވުމަށް ބޭނުންވާ ރަށްތަކުން ރާއްޖެޓީވީއާއި ގުޅުއްވައިގެން އެކަން އިންތިޒާމް ކުރުމަށެވެ. އެގޮތުން ރާއްޖެޓީވީގެ ނަމްބަރު 3007771 އަށް ގުޅުއްވައި މައުލޫމާތު ސާފުކުރުމަށް ސްޓޭޝަނުން އެދެއެެެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ފޯކަސް ގެއްލުވާލާ ރާއްޖެޓީވީގެ ނޫސްވެރިން ކުރާ މަސައްކަތަށް ހުރަސްއަޅާ ޖެއްސުން ކުރުމަށް އިންތިޚާބު ބޯމަތި ވެފައި އޮއްވާ ކުރި ބޮޑު ޖޫރިމަނާ ރާއްޖެޓީވީން ބަލައެއް ނުގަނެއެވެ. އަދި އެ މައްސަލަ އިތުރަށް މުރާޖައާކުރުމަށް އެދި ރާއްޖެޓީވީގެ ފަރާތުން ވަނީ އަލުން އެ ކޮމިޝަނަށް ހުށައަޅާފައެެވެ.
ރާއްޖެޓީވީ ހަތަރުވަނަ ފަހަރަށް ކުރި ޖޫރިމަނާ ސްޓޭޝަނުން ބަލައި ނުގަންނަ ހިނދު، މި ޖޫރިމަނާއަކީވެސް ކުރިން ފަހަރުތަކެކޭ އެއްގޮތަށް ބްރޯޑްކޮމްއިން ބޭ އިންސާފުން ކުރި، ސިޔާސީ ކުލަ ޖެހިފައިވާ ފިނޑި އަމަލެއްކަމަށް ސްޓޭޝަނުން ދެކެއެވެ.