އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ ގުޅިގެން، އިލެކްޝަންސް ކޮމިޝަން (އީސީ) ކަނޑައަޅާފައިވާ އެއްވެސް ތާރީހެއް ބަދަލު ކުރަން ބޭނުން ނުވާ ކަމަށް ގުޅިފައިވާ ޕާޓީތަކުން އެ ކޮމިޝަންގައި އެދިއްޖެއެވެ.
އިންތިހާބާ ގުޅޭ އެއްވެސް ތާރީހެއް ފަސް ކުރަން ބޭނުން ނުވާކަން ގުޅިފައިވާ ޕާޓީތަކުން އީސީގައި އެދުނީ، އެ ކޮމިޝަންގެ މެމްބަރުންނާ އެކު، ބުދަ ދުވަހު ބޭއްވި ކުއްލި ބައްދަލުވުމެއްގައެވެ.
ރީ-ރަޖިސްޓްރޭޝަނާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް އީސީއާ ހިއްސާ ކުރުމަށް، އީސީގައި ބޭއްވި އެ ބައްދަލުވުމަށްފަހު ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި މައުމޫން ރިފޯމް މޫވްމަންޓު (އެމްއާރްއެމް)ގެ ފަރާތުން، އައިމިނަތު ނާދިރާ ވިދާޅުވީ އިންތިހާބު ބާއްވާ ދުވަހާއި ރީރަޖިސްޓްރޭޝަން ބަންދު ކުރާ ދުވަސް ފަސް ކުރަން ބޭނުން ނުވާ ކަަމަށެވެ.
"އަޅުގަނޑުމެން ވަރަށް ސާފުކޮށް ބުނެފިން، އަޅުގަނޑުމެން ބޭނުމެއް ނުވާ ވާހަކަ، މީގެ އެއްވެސް ތާރީހަކަށް ބަދަލެއް އަންނަން. އެއީ ވޯޓުލާ ދުވަސް، އަދި ރީރަޖިސްޓްރެޝަން ބަންދުވާ ދުވަސް... އަޅުގަނޑުމެން އެދޭ ކަމެއް ނޫން ދުވަސްތައް އިތުރު ވެގެން ދިއުމަކީ. ނުވަތަ ދުވަސްތައް އިތުރުވެގެން ދިއުމަކީ،" ނާދިރާ ވިދާޅުވިއެވެ.
ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ މީހުން ރަޖިސްޓްރީ ކުރުމަށް ފޯމު ހުށަހަޅުމަށްފަހު ރަޖިސްޓްރީ ނުވާނަމަ، ބާކީ އޮތް ދެ ދުވަހުގެ ތެރޭގައި ވީހާ ވެސް އަވަހަށް ރަޖިސްޓްރޭޝަން ފޯމު އަލުން އީސީއަށް ހުށަހެޅުމަށް ނާދިރާ ވަނީ އެދިވަޑައިގެންފައެވެ.
ނޫސްވެރިންގެ އެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާހަކަފުޅު ދެއްކެވި ގާނުނީ ވަކީލު މުހައްމަދު ފަރީދު ވިދާޅުވީ ރީ ރަޖިސްޓްރޭޝަން ބައެއް ފޯމުތައް އީސީއަށް ނުލިބި އެހެން ދިމާލަކަށް ދާ ކަން، އެ ކޮމިޝަނަށް ވެސް ފާހަގަ ކުރެވިފައިވާ ކަމަށް ބުނި ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގު ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަަމަށް ވެސް ފަރީދު ވިދާޅުވިއެވެ.
"އެންމެ ބޮޑު މައްސަލައަކީ ރީރަޖިސްޓްރޭޝަން ފޯމުތައް ވަކި ދިމާލަކަށްދާ ވާހަކަ. އިލެކްޝަންސް ކޮމިޝަނަށް ނައިސް. ދެން އެކަން އެނގިފައި އޮތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް އެގްރީވި. އަދި އެ މައްސަލަ ބެލެމުންދާ ކަމަށާއި އެކަން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅައިގެން ބެލެމުންދާ ވާހަކަ ވެސް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވިދާޅުވި... އިލެކްޝަންސް ކޮމިޝަނުން އެގްރީވެއްޖެ، ތިމަންނަމެން ޒިންމާނަގާނީ މި ދޮރާށިން [އީސީ] އެތެރެއަށް ވަނީމައޭ،" ފަރީދު ވިދާޅުވިއެވެ.