ކ. މާލެ
|
10 އޯގަސްޓް 2018 | ހުކުރު 00:50
ކެޕާ ޗެލްސީގެ ޖާޒީގައި
ކެޕާ ޗެލްސީގެ ޖާޒީގައި
ގެޓީ އިމޭޖަސް
ޓްރާންސްފާ މާކެޓް
ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރުގެ ގޮތުގައި ކެޕާ ޗެލްސީއަށް
އެޓީމަށް ކުޅުމަށް ކެޕާ ގެނެސްފައިވަނީ 80 މިލިއަން ޔޫރޯގެ ފީއަކަށް

އެތުލެޓިކޯ ބިލްބާއޯއަށް ކުޅެމުން އައި ސްޕެއިންގެ ކީޕަރު ކެޕާ އަރިޒަބަލަގާ ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރުގެ ގޮތުގައި އިނގިރޭސިވިލާތުގެ ޗެލްސީއަށް ބަދަލުވެއްޖެއެވެ. 

ރެއާލް މެޑްރިޑަށް ޗެލްސީގެ ކީޕަރު ތީބައު ކޯޓުއާ ބަދަލުވުމާއެކު އޭނާގެ ބަދަލުގައި އެޓީމަށް ކުޅުމަށް ކެޕާ ގެނެސްފައިވަނީ 80 މިލިއަން ޔޫރޯގެ ފީއަކަށެވެ. އޭނާ ވަނީ ޗެލްސީއާއެކު ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި ޓްރާންސްފާއާއެކު ކެޕާ ވެގެންދާނީ ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރަށެވެ. މީގެކުރިން މި ރެކޯޑް އޮތީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ރޯމާ ދޫކޮށް ލިވަޕޫލްއަށް ބަދަލުވި ބްރެޒިލްގެ ކީޕަރު އެލިސަން ބެކަރ އަތުގައެވެ. އޭނާ ލިވަޕޫލްއަށް ބަދަލުވީ 73 މިލިއަން ޔޫރޯގެ ފީއަކަށެވެ. 

ޗެލްސީގެ ރަސްމީ ވެބްސައިޓާއި ވާހަކަ ދައްކަމުން ކެޕާ ބުނީ މިއީ އޭނާގެ ކެރިއަރުގައި ނެގި ވަރަށް މުހިންމު ނިންމުމެއް ކަމަށާއި އޭނާ ޗެލްސީއަށް ބަދަލުވީ ވަރަށް ގިނަ ސަބަބުތަކާއި ގުޅިގެން ކަމަށެވެ. އެގޮތުން ޗެލްސީއަކީ ވަރަށް ގިނަ މުބާރާތްތަކެއް ކާމިޔާބުކޮށްފައިވާ ޓީމެއް ކަމަށާއި ޗެލްސީއިން އޭނާއަށް އިތުބާރުކޮށް އޭނާ އެޓީމަށް ގެނައުމަށް ނިންމުމަކީ ވަރަށް އުފާވި ކަމެއް ކަމަށް ކެޕާ ބުނެފައިވެއެވެ. 

އޭނާ ބުނީ ޗެލްސީގެ ކޯޗު މައުރީޒިއޯ ސައްރީއާއެކު މަސައްކަތްކުރުމަށް ކެތްމަދުވެފައި ހުރި ކަމަށާއި އޭނާއަކީ ވަރަށް މޮޅު ކޯޗެއްކަން އެނގިފައިވާ ކަމަށެވެ. އޭނާއަކީ ވަރަށް ބޮޑަށް އެޓޭކް ކުރާ ކޯޗެއް ކަމަށާއި ޓީމަށް ބޭނުންވާ ޒާތުގެ ކީޕަރަކަށް ވާނެ ކަމުގެ ޔަގީންކަން ކެޕާ ވަނީ ދީފައެވެ. އޭނާ ބުނީ ޗެލްސީގައި ކުޅެމުން އަންނަ ސްޕެއިންގެ އެހެން ކުޅުންތެރިންނާއި ވާހަކަ ދެއްކި ކަމަށާއި އެކުޅުންތެރިން ވެސް ޗެލްސީއާއި ގުޅޭގޮތުން ދެއްކީ ހުސް ރަނގަޅު ވާހަކަ ކަމަށެވެ. 

އުމުރުން 23 އަހަރުގެ ކެޕާ ވަނީ އެތުލެޓިކް ބިލްބާއޯއަށް 54 މެޗު ކުޅެދީފައެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް