މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ގެއިން ފެނުނުކަމަށް ބުނާ ފިސްތޯލައިން ތިން މީހެއްގެ ޑީއެންއޭ ފެނިފައިވާކަމަށް ފުލުހުން ބުނެފައިވާތީ ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދުގެ ޑީއެންއޭ އެ ފިސްތޯލައިން ފެނުނު ޑީއެންއޭއާއި ދިމާވޭތޯ ބަލަންޖެހޭކަމަށް ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ބުދަދުވަހުގެ ރޭ މާފަންނު ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒުވައްދާ އެ މުއައްސަސާއަށް އޮތް އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ނަގާލާފައިވާތީ، އެ މުއައްސަސާއިން ރައްޔިތުންގެ އިތުބާރު ހޯދުމަށް އިތުރަށް މަސައްކަތް ކުރަންޖެހޭކަމަށެވެ.
އާޒިމް ވިދާޅުވީ އޭނާގެ ބޭބެ ނިދިކުރައްވާ ކޮޓަރިކޮޅުން ފުލުހުން ހޯދި ފިސްތޯލައިން 3 މީހެއްގެ ޑީއެންއޭ ފެނިފައިވާކަމަށާއި ނަމަވެސް އެއީ ނާޒިމްގެ ޑީއެންއޭ ނޫންކަން ހާމަކޮށްފައިވާކަމަށެވެ.
އާޒިމް ވިދާޅުވީ ނާޒިމް ވަނީ ފްރޭމްކުރެވިފައި ކަމަށާއި ފިސްތޯލައިން ފެނުނު ޑީއެންއޭ ދިމާވަނީ ކޮންބަޔަކާތޯ ފުލުހުން ބަލަންޖެހޭކަމަށެވެ. އަދި އޭރު ކޮމިޝަނަރު އޮފް ޕޮލިސްއަކަށް ހުންނެވި ހުސައިން ވަހީދުގެ ޑީއެންއޭ ނެގުމަށްފަހު ފިސްތޯލައިން ފެނުނު ޑީއެންއޭއާއި ދިމާވޭތޯ ބެލުމަށް އާޒިމް ވަނީ ގޮވާލައްވާފައެވެ.
"ވަރަށް އާދޭހާއިއެކު އަޅުގަނޑު ދަންނަވަން ފުލުހުންނަށް އެކަންކޮށްދެއްވާށޭ. ހުސައިން ވަހީދުގެ ޑީއެންއޭ ނަންގަވާށޭ." އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ހުސައިން ވަހީދާއިމެދު ޝައްކުކުރެވޭއިރު، އޭނާ ސާފުކުރުމަކީ ކުރަންޖެހޭކަމެއްކަމަށެވެ. އަދި މިއީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމާއި ހަވާލުވާ އެހެން ބޭފުޅުންގެ އިތުބާރަށްޓަކައިވެސް ކުރަންޖެހޭކަމެއްކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ފުލުހުންގެ މުއައްސަސާގެ އަގު ހިފަހައްޓާ، އެ މުއައްސަސާގެ އިސްވެރިން މިފަދަ ކަންކަން ނުކުރާނެކަން ރައްޔިތުންނަށް ސާބިތުކޮށްދިނުމަށްވެސް މިކަން ކުރަންޖެހޭކަމަށް އާޒިމް ވިދާޅުވިއެވެ.