ރައީސް އަބްދުﷲ ޔާމީނު ދެކިވަޑައިގަންނަވަނީ ދައުލަތުގެ މާލިއްޔަތަކީ އެމަނިކުފާނުގެ އަމިއްލަފުޅު އެއްޗެއްގެ ގޮތުގައި ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސޯލްޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ ރައީސް ޔާމީން ފައިސާ ހޯދާ ގޮތް ނުބެލުމަށް އެމަނިކުފާނު ތަކުރާރުކޮށް އެދިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ފައިސާ ހޯދާ ގޮތް އެނގެން ބޭނުންވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ހިޔެއްނުވޭ ދިވެހި ރާއްޖޭގެ ރައްޔިތުން ތިބީ ހަލާލު ނޫން ފައިސާ އެ މީހުންގެ ތެރެއަށް ގެނެސް އެ ބޭނުން ކުރާ ގޮތަށް ހެނެއް،" މާރިޔާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ނަގާ ލޯނުތަކަށް ކުރިއަށް އޮތް ސަރުކާރުން ޒިންމާ ނަގަން ޖެހޭއިރު ރައީސް ޔާމީން ދައުލަތުގެ ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް ފައިސާ ބޭނުންކުރާ ގޮތް ރައްޔިތުންނަށް ސާފުވާން ޖެހޭނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖެޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައި ވާތީ ވެސް މާރިޔާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
"ގާނޫނުގައި މި ބުނަނީ ހުރިހާ ކެންޑިޑޭޓުނަށް ހަމަހަމަ ފުރުސަތު ދޭން ޖެހޭނެ ކަމަށް. އެއް ފަރާތުން އެ ފުރުސަތު ދޭން ޖެހޭ ކަމަށް ބުނާއިރު އަނެއް ފަރާތުން މި ކުރާ ކަމަކީ ރައީސް ޔާމީންގެ ވާހަކަ ދެއްކީމަ ޖޫރިމަނާ ކުރަނީ،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވެގެން ކަމަށް ބުނެ ދައްކާ ވާހަކައަކީ ރައްޔިތުން ގަބޫލުކުރާނެ ވާހަކައެއް ނޫން ނޫން ކަމަށެވެ.
ރީ ރަޖިސްޓްރީ ކުރުމުގައި ދިމާވާ މައްސަލަތަކާ ގުޅޭ ގޮތުން މާރިޔާ ވިދާޅުވީ ރީ ރަޖިސްޓްރީ ކުރަން ހުށަހަޅާ މީހާ ދީފައިވާ ނަމްބަރު ނޫން އެހެން ނަމްބަރުތަކަށް ވެސް އެހެން މީހުން ރީ ރަޖިސްޓްރީ ވެފައިވާކަމުގެ އެސްއެމްއެސް ލިބޭ ކަމަށެވެ. މި ކަމަކީ އިލެކްޝަނުން ބަލަން ވާރަށް ނުބަލާތީ ދިމާވާ މައްސަލަތައް ގޮތުގައި މާރިޔާ ފާހަގަ ކުރެއްވިއެވެ.