ކްރިމިނަލް ކޯޓުގައި ބުރާސްފަތި ދުވަހަށް ތާވަލްކޮށްފައިވާ ހުރިހާ އަޑުއެހުންތައް ކެންސަލް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ބޭއްވުމަށް ތާވަލް ކުރި ހުރިހާ ޝަރީއަތްތަކުގެ އަޑުއެހުންތައް ކެންސަލް ކޮށްފައި މިވަނީ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 211 ވަނަ މާއްދާގެ (ހ)ގެ (3) ވަނަ ނަންބަރުގެ ދަށުން، ޝަރީއަތްކުރުމާ ގުޅޭ ގޮތުން ހަދަންޖެހޭ ގަވާއިދު އަންގާރަ ދުވަހު ޝާއިއުކޮށް، ބުދަ ދުވަހު އެ ގަވާއިދަށް އަމަލު ކުރަން ފަށާފައި ވަނިކޮށެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ބުރާސްފަތި ދުވަހު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ބުރާސްފަތި ދުވަހު އެ ކޯޓުގައި ބޭއްވުމަށް ތާވަލްކުރި އަޑުއެހުންތައް ކެންސަލް ކުރީ ޝަރީއަތްކުރުމާ ގުޅޭ ގަވާއިދަށް އަމަލު ކުރަން ފެށުމުން ކުރަންޖެހޭ އިދާރީ ކަންތައްތައް ކުރުމަށް ކަމަށެވެ. އަދި އެކަންކަން ކުރުމަށް ފަހު އަންނަ ހަފްތާގައި ޝަރީއަތްތައް ބޭއްވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ޖުމްލަ 17 ބާބެއްގެ މައްޗަށް އެކުލެވިގެންވާ، ޖިނާއީ މައްސަލަތަކުގައި ޝަރީއަތްކުރުމާ ބެހޭ މި ގަވާއިދުގައި، ޖިނާއީ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމާއި، ހުށަހަޅާ މައްސަލަތައް ކޯޓުތަކުން ބަލައިގަތުމާއި، ޝަރީޢަތް ހިންގުމުގައި ކޯޓުތަކުން ޢަމަލުކުރަންޖެހޭ އެއްގޮތް އުސޫލުތައް ހިމެނެއެވެ. އަދި ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގައްޔާއި، ކަފާލާތުގެ ދަށުން ދޫކުރުމާއި، ކޯޓު އަމުރު ނެރުމުގައި ކޯޓުތަކުން ޢަމަލުކުރާނެ އެއްގޮތް އުޞޫލުތަކާއި، ހެބިއަސް ކޯޕަސް އަމުރު ނެރެމާ ގުޅޭ އުސޫލުތައް ހިމެނެއެވެ.
އޭގެ އިތުރުން، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތްތަކާ ގުޅިގެން ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ފަދަ އުސޫލުތައް ވެސް މި ގަވާއިދުގައި ހިމެނެއެވެ.
ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދަށް އަމަލުކުރަން ފެށި ނަމަވެސް، ޖުވެނައިލް ކޯޓަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ ޖަދުވަލު ހަތަރެއްގައި ބަޔާންކޮށްފައިވާ، ގާނޫނުގައި ކުޑަކުދިންކަމުގައި ބުނާ ކުދިން ކުރާ ކުށްކުށުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓުކަމުގައި ވާތީ، ގާނޫނުން، އެ ކޯޓުގެ ޠަބީޢަތުން އެ ކޯޓަށް ހާއްސަ ކުރެވިފައިވާ، ޝަރީއަތްކުރުމާ ގުޅޭ އެންމެހާ އިޖުރާއަތުތައް އެ ޤާނޫނުގައިވާ ނިސްބަތަށް ހިންގުމަށް މި ގަވާއިދުން އެ ކޯޓަށް ވަނީ އިސްތިސްނާ ލިބިދީފައެވެ. އަދި ހަމައެހެންމެ، ޑްރަގް ކޯޓަކީ، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަކި ހާއްސަ އިޖުރާއަތުތަކެއް ހާއްސަ ވެގެންވާ ކޯޓެއްކަމުގައިވާތީ، ގާނޫނުން، އެ ކޯޓުގެ ޠަބީޢަތުން އެކޯޓަށް ހާއްސަ ކުރެވިފައިވާ، ޝަރީއަތްކުރުމާ ގުޅޭ އެންމެހާ އިޖުރާއަތުތައް އެ ގާނޫނުގައިވާ ނިސްބަތަށް ހިންގުމަށް މި ގަވާއިދުން އެ ކޯޓަށް ވެސް ވަނީ އިސްތިސްނާ ލިބިދީފައެވެ.
ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 212 ވަނަ މާއްދާގެ (ށ) ގައި، އެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އަމަލުކުރަމުންދިޔަ ޖިނާއީ އިޖުރާއާތުގެ ޢާންމު އުސޫލުތައް އުވޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.
އެގޮތުން އުވިގެންދާ އުސޫލުތަކުގެ ތެރޭގައި ތިރީގައިވާ އުސޫލުތައް ހިމެނޭނެ ކަމަށް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.
1. ޝަރީޢަތްކުރުމާ ބެހޭ ގަވާއިދު 6.0 އާއި 6.1 ގައި ހިމެނޭ ޖިނާއީ އިޖުރާއާތުގެ ޢާންމު އުސޫލުތައް
2. މީހުން ދިރިއުޅޭ ތަންތަން ބަލާފާސްކުރުމަށް ތަޙްޤީޤުކުރާ ފަރާތުން ވަނުމުގެ ހުއްދަ ދިނުމުގައި ކޯޓުން ޢަމަލުކުރާނެގޮތުގެ ގަވާއިދު
3. ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާ މެދު ގޮތެއް ނިންމުމުގެ ގަވާއިދު
4. ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމާބެހޭ ގަވާއިދު
5. ޖިނާއީ ކުށުގެ މައްސަލަތައް އަވަސްނިޔާއިން ނިންމުމާބެހޭ ގަވާއިދު
6. ކަފާލާތުގައި ދޫކުރުމުގެ ގަވާއިދު
ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 211 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން ޝަރީއަތްކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންނެވެ.