ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރަން އިރާންގެ ގައުމީ ވޮލީ ޓީމް ރާއްޖެ އަތުވެއްޖެ އެވެ.
އަންނަ ހުކުރުދުވަހު ފަށާ މިމުބާރާތުގައި ވާދަކުރަން ، މިއަދު މާލެ އައިސްފައި ވަނީ އޮފިޝަލުންނާއެކު 24 ކުޅުންތެރިންނެވެ.
އީރާން ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން މަރުހަބާ ދެންނެވީ ވޮލީބޯލް އެސޯސިއޭޝަންގެ އިސްވެރިންނާއި ކުޅިވަރާބެހޭ ވުޒާރާގެ އޮފިޝަލުންނެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އީރާން ޓީމުގެ ކޯޗު މަޖްދާ ސިސީ ބުނީ ރާއްޖެ އައީ ފަތުރުވެރިންތަކެއްގެ ގޮތުގައި ނޫން ކަމަށާއި އެޓީމު ރާއްޖެ އައީ މުބާރާތުން ރަނގަޅު ނަތީޖާއެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. މަޖްދާ ބުނީ މި ކޮލިފައިން އަކީ ވަރަށް ސީރިއަސްކޮށް އީރާނުން ނަގާނެ މުބާރާތެއް ކަމަށާއި އެހެން ކަމުން މިއީ ވަރަށް މުހިންމު ކޮލިފިކޭޝަނެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
މަޖްދާ އިތުރަށް ބުނީ ނޭޕާލާއި ރާއްޖެ އަކީ ވެސް ވޮލީ އަށް މޮޅު ދެ ގައުމު ކަމަށާއި އެހެން ކަމުން ކޮލިފައިން ބުރު ފަހަނައަޅާ ދިއުމަށް ބުރަކޮށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ހަމަ އެއާއެކު ރަނގަޅު ނަތީޖާއެއް ނެރުމަށް އީރާން ޓީމުން ބުރަކޮށް މަސައްކަތް ކުރާނެ ކަމަށް ވެސް ކޯޗު ބުންޏެވެ.
އިރާންގެ އިތުރުން މިމުބާރާތުގައި ދެން ވާދަކުރަނީ ރާއްޖެ އާއި ނޭޕާލް އެވެ. ނޭޕާލްގެ ޓީމް މާލެއައުމަށް ހަމަޖެހިފައި ވަނީ މިރެއެވެ. މިމުބާރާތަކީ 2018ވަނަ އަހަރު ވިމެންސް ވޯލްޑް ޗެންޕިއަންޝިޕްގައި ވާދަކުރާ އޭޝިއާ ސަރަހައްދުގެ ޓީމެއް ކަޑައެޅުމަށް ބާއްވާ ކޮލިފިކޭޝަން ބުރެވެ.
މިމުބާރާތުގައި މިމަހުގެ 27 ވަނަ ދުވަހު ރާއްޖެއާއި ނޭޕާލް ބައްދަލުކުރާއިރު، މިމަހުގެ 28 ވަނަ ދުވަހު ބައްދަލުކުރާނީ ނޭޕާލްއާއި އީރާނެވެ. އަދި މިމަހުގެ 29 ވަނަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެއާއި އީރާނެވެ.
މިމުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ޒުވާނުންގެ މަރުކަޒު އިންޑޯ ހޯލުގަ އެވެ. މިއީ ބައިނަލްއަގުވާމީ ވޮލީމުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރު ކަންވެސް ފާހަގަކޮށްލެވެ އެވެ.